ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޤާނޫނަށް ބަދަލުގެންނަން ސަރުކާރުން ދިރާސާކުރަނީ

މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޤާނޫނަށް ބަދަލުގެންނަން ސަރުކާރުން ދިރާސާކުރަނީ

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން ހިމެނޭ ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތައް އިތުރަށް ދިރާސާކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، މިރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

https://twitter.com/MMuizzu/status/1950611345952719153?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1950611345952719153%7Ctwgr%5E348080e75518eb6ff11ad1685f28559624d5ee06%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1950611345952719153

އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

"އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި އިރުޝާދާއެކު، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި، ޑްރަގް ޓްރެފިކިންގްގެ ކުށް ސާބިތުވާ ފަރާތްތަކުގެ އަދަބުތައް އިތުރަށް ހަރުކަށިކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި، ބައިނަލްއަޤްވާމީ ގޮތުން ބައެއް ޤައުމުތަކުގައި މިފަދަ ކުށްތަކަށް ދެމުން އަންނަ އެންމެ ހަރުކަށި އަދަބުކަމުގައިވާ މަރުގެ އަދަބު ހިމެނުމުގެ ފުރުސަތު ބެލުމަށް ވަނީ އަންގަވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ އެއް މައްސަލަކަމުގައިވާއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތައް ހުއްޓުވުމަކީ، ސަރުކާރުތަކަށް އަބަދުވެސް އޮންނަ ބޮޑު ގޮންޖެހުމެކެވެ.

މިހާރުވެސް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ދިރާސާކުރަމުން އަންނަ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަށް ރައީސް އިރުޝާދު ދެއްވުމުން، މި މައްސަލައަށް ސަރުކާރުން ދެއްވާ ސަމާލުކަން އިތުރަށް ހާމަވެގެންދެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ގަސްދުގައި މީހުން މެރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް، އެތައް ދަހައެއް ވެފައިވާއިރު ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށްތަކަށް މި އަދަބު ހިމެނުމަކީ މިކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ.