ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ސަރުކާރުން ނިންމައިފި

ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ސަރުކާރުން ނިންމައިފި

ސްރީ ލަންކާއިން ދިވެހިންނަށް ދެމުން އަންނަ ވިސާގެ ފަސޭހަތަކާ އެއްގޮތަށް، ރާއްޖެއަށް ޒިޔާރަތްކުރާ ލަންކާގެ ރައްޔިތުންނަށް ވެސް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ދިވެހި ސަރުކާރުން ނިންމައިފިއެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާފައިވަނީ މި ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ވިސާގެ މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ސްރީ ލަންކާގެ ރައީސް، އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ދެ ޤައުމުން ވެސް އެއްގޮތަކަށް ވިސާގެ އުސޫލުތައް ބައްޓަންކުރުމަކީ، ދިވެހިރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އޮންނަ ޒަމާންވީ އަދި ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސްރީ ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދެމުން އަންނަ ކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

މި 90 ދުވަހުގެ ވިސާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ވެސް ވަނީ ހަމަޖައްސައިދީފައެވެ. އޭގެ ތެރޭގައި، ސްރީ ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތަޢުލީމު ހާސިލުކުރާ ދިވެހިންގެ އަނބިންނާއި ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން، އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރު ދުވަހުގެ މަލްޓިޕަލް-އެންޓްރީ ވިސާ ދޫކުރަން ފަށާނެ ކަމަށް ވެސް ސްރީ ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.