ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަސްކޮއިގެ ހުއްދަ ބާތިލްކޮށް، ޖޫރިމަނާކުރަނީ

އަސްކޮއިގެ ހުއްދަ ބާތިލްކޮށް، ޖޫރިމަނާކުރަނީ

އުމްރާގެ މަތިވެރި އަޅުކަމަށް ގެންދާނެ ކަމަށް ބުނެ 28 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެމީހުންނަށް ޚިދުމަތް ނުދީ މަކަރު ހެދި މައްސަލައެއްގައި، އަސްކޮއި ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އުމްރާ ހުއްދަ ބާތިލްކޮށް، އެ ކުންފުނި ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މި ފަހަރުގެ މައްސަލައިގައި އަސްކޮއި ގްރޫޕުން ވަނީ އުމްރާއަށް ދާން ބޭނުންވި 28 މީހެއްގެ އަތުން، ކޮންމެ މީހަކަށް 25,500 ރުފިޔާގެ ރޭޓުން ޖުމްލަ 714,000 (ހަތް ލައްކަ ސާދަ ހާސް) ރުފިޔާ އަތުލައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުރަން އޮތް މި ދަތުރު ފަހު ވަގުތު ކެންސަލްކުރީ، ގަލްފު ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ބުނެ އެވެ.

މިއީ މިފަދަ ކަމެއްގައި އަސްކޮއި ގްރޫޕުން ފަޟީޙަތްވި ދެވަނަ ފަހަރެވެ. މީގެ ކުރިން، މިދިޔަ ރޯދަ މަހުވެސް ވަނީ އެއް އާއިލާއެއްގެ ހަ މީހަކު އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އެމީހުންނަށް ޚިދުމަތް ނުދީ ދޫކޮށްލައިފަ އެވެ.

މި މައްސަލަތަކާ ގުޅިގެން މިނިސްޓްރީން ރަސްމީކޮށް ގުޅައި، ސިޓީ ފޮނުވުމުން ވެސް އަސްކޮއި ގްރޫޕުން ޖަވާބުދީފައި ނުވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އަދި، ފައިސާ ދެއްކި މީހުންނަށް ވެސް ކުންފުނީގެ އިސްވެރިންނާ ގުޅޭ ގޮތް ނުވެ، އެމީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ވެސް ނުލިބިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވުމުން އަސްކޮއި ގްރޫޕާ މެދު އަޅާނެ ފިޔަވަޅުތައް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި:

  • ކުންފުންޏަށް ދޫކޮށްފައިވާ އުމްރާ ހުއްދަ ވަގުތުން ބާތިލްކުރުން

  • ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކުރުން

  • އުމްރާވެރިންގެ އަތުން ނަގާފައިވާ ހުރިހާ ފައިސާއެއް އަނބުރާ ދިނުމަށް އެންގުން

  • މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހަށް ހުށަހެޅުން

  • މި ކުންފުނީގެ އެއްވެސް ހިއްސާދާރަކު ހިމެނޭ ގޮތަށް އާ ކުންފުންޏެއް އުފައްދައިގެން ވެސް އުމްރާ ހުއްދައަށް އެދެފިނަމަ ހުއްދަ ނުދިނުން

ކުންފުނިތަކުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އަސްކޮއި ޓްރެވަލް ސާވިސްގެ ވެރިންނަކީ ޢަބްދުﷲ ރަޝީދާއި އަޙްމަދު ސަނިލް އެވެ. މީގެ އިތުރުން، "އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕް" ގެ ނަމުގައި ވެސް ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ޚިދުމަތް ނުދޭ ކުންފުނިތަކާ މެދު ފަސްޖެހުމެއް ނެތި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.