ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ ފުޓްބޯޅައަށް އާފެށުމެއް. ފީފާގެ އިތުބާރު އެފްއޭއެމްގެ ހިންގާކޮމެޓީއަށް!

އެފްއޭއެމްގެ އަލަށް އިންތިޚާބުކުރެވުނު އެކްޒެކެޓިވް ކޮމިޓީ މެމްބަރުން. ފޮޓޯ/ އަދަދު ސްޕޯޓްސް
އެފްއޭއެމްގެ އަލަށް އިންތިޚާބުކުރެވުނު އެކްޒެކެޓިވް ކޮމިޓީ މެމްބަރުން. ފޮޓޯ/ އަދަދު ސްޕޯޓްސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އައު ރައީސް އަކު އިންތިހާބުކޮށް ހިންގާ ކޮމިޓީ އިންތިހާބުކުރެވުމަކީ އުފާވެރިކަމެއް ކަމަށާއި، މިއީ ރާއްޖޭގެ ފުޓްބޯޅައަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފީފާއިން ބުނެފިއެވެ.

‎ ފީފާގެ ހެޑް އޮފް ގަވަނަންސް ރޮއުފް ޓަނަރ ވިދާޅުވީ މިއީ ޓީމާއި އެކު އައު ފެށުމެއް ކަމަށާއި، ގޮންޖެހުންތައް ހުރިނަމަވެސް މިއީ އުފާވެރި ފެށުމެއް ކަމަށާއި އައު ޓީމަށް ކުލަބުތަކުން ދިން ވޯޓަކީ އެ ޓީމަށް ސަޕޯޓު އޮތް މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

‎"ވޯޓުން ހާމަވެގެންދިޔައީ އައު ޓީމަށް ކުލަބުތަކުގެ ތާއީދުއޮތް މިންވަރު. މިއީ ވަރަށް ރަނގަޅު ފެށުމެއް. އަލުން ފެށުމެއް ރާއްޖޭގެ ފުޓްބޯޅައަށް" ޓަނަރ ވިދާޅުވިއެވެ.

‎ފީފާއިން އެފްއޭއެމަށް އައްޔަނުކުރި ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތްތައް ފަށައިގަތީ ވަރަށް އުނދަގޫ ހާލާތެއްގައި ނަމަވެސް ނޯމަލައިޒޭޝަންގެ މަސައްކަތްތައް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭ މެންޑޭޓް ނިންމި ކަމަށް ޓަނަރ ވިދާޅުވިއެވެ.

‎އަދި އެފްއޭއެމަށް ނުހަނު ބޭނުންވެފައި އޮތް އިލެކްޓޯރަލް ކޯޑު ފާސްކޮށް ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އިންތިހާބު ބޭއްވޭގޮތަށް ކަންކަން ފަހިކޮށްދިންކަން ފާހަގަކޮށް މިދިޔަ މަހު ހިންގާގަވައިދަށް ގެނައި ބަދަލުތައްވެސް މުހިންމު ކަމަށާއި، އެ ކޮމިޓީގެ މަސައްކަތްތަކާއި މެދު ފީފާއިން ވަރަށް ހިތްހަމަ ޖެހޭ ކަމަށްވެސް ޓަނަރ ވިދާޅުވިއެވެ.

‎އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއާއި އެކު އެފްއޭއެމް ހިންގުމަށް އައު ރައީސް އާއި ހިންގާ ކޮމިޓީއަށް ފީފާއިން އެހީތެރިވެދޭނެ ކަމަށާއި، އައި ލީޑަރޝިޕަށް ފީފާއިން ވެދެވެން އޮތް ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ދެއްވާނެ ކަމަށް ޓަނަރ ވިދާޅުވިއެވެ.

‎އައު ލީޑަރޝީޕާއިމެދު ފީފާއިން ކުރާ އުންމީދަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްޤީވެގެންދިއުން ކަމަށް ފީފާގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ބޭނުން ކުރަންޖެހޭ ގޮތަށް އަދިވެސް ބޭނުން ނުކުރެވި ހުރި ދިމަދިމާ ފާހަގަކުރެވޭ ކަމަށާއި، އައު ލީޑަރޝިޕުން އެކަންކަމަށް ފޯކަސްކޮށް ފުޓްބޯޅަ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ފީފާއިން އުންމީދު ކުރާ ކަމަށް ޓަނަރ ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުންވެސް އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށްބުނެ ފީފާއިން އޮތީ އިންތިހާބު ހުއްޓުވާފައެވެ. މި ފަހަރު އިންތިހާބު ބޭއްވީ ޖޫންމަހު އެފްއޭއެމްގެ ހިންގާ ގަވާއިދަށް ބަދަލުގެނެސްގެންނެވެ. އެފްއޭއެމްގެ ހުރިހާ މެންބަރު ކުލަބުތަކުގެ ތާއީދާއެކު އައު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤް (ޓޮމް) އެވެ.