ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑްރޯން ޝޯއަށް ސެބޮޓާޖްކުރި ކަމުގެ ތުހުމަތު: ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅައިފި

ޑްރޯން ޝޯވގައި ވަނީ ތަފާތު އާދަޔާ ޚިލާފު މަންޒަރުތައް ދައްކާލައިފައި --
ޑްރޯން ޝޯވގައި ވަނީ ތަފާތު އާދަޔާ ޚިލާފު މަންޒަރުތައް ދައްކާލައިފައި --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކި ޑްރޯން ޝޯއަށް ބަޔަކު ގަސްތުގައި ހުރަސްއަޅައި، ސެބޮޓާޖްކޮށްފައިވާ ކަމަށް ބެލެވޭތީ އެކަން ތަހުގީގުކޮށްދިނުމަށް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލުން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ސޮއިކުރައްވައި ފޮނުއްވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ސިޓީއާ ގުޅިގެން ޝަރީފް "މިހާރު" އަށް ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ، އެއީ ޓެކްނިކަލް ތަހުގީގެއް ކަމަށްވާއިރު، އެފަދަ ކަމެއް ބެލުމުގެ ގާބިލުކަން އެމްއޭސީއެލަށް ލިބިފައިނުވާތީ ފުލުހުންގެ އެހީތެރިކަމަށް އެދިވަޑައިގަތީ ކަމަށެވެ. އަދި ސިއްރު ސިޓީއެއް ލީކުވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ޝައްކުކުރެވެނީ ވަރަށް ވަރުގަދަ ސަބަބުތަކެއް ހުރުމުންނެވެ. އޭގެ ތެރޭގައި، ރަސްމިއްޔާތުގެ ކުރިން ބޭއްވި ފުލް ރިހާސަލް އެއްވެސް މައްސަލައަކާ ނުލައި ފުރިހަމައަށް ދިޔުން ހިމެނެ އެވެ. މީގެ އިތުރުން، ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތު އެ ސަރަހައްދުގައި މަސައްކަތްކުރި އެހެން ޓެކްނިކަލް ޓީމުތަކަށް ވެސް ސިގްނަލްގެ މައްސަލަތަކާއި ނެޓްވޯކްގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ސިޓީގައިވެ އެވެ.

ފުލުހުންނަށް ފޮނުވި ސިޓީގައިވާ ގޮތުން، ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ތެރެއިން ކުއްލިއަކަށް ގިނަ އަދަދެއްގެ ޑްރޯންތަކުގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުނެވެ. މި ހާދިސާގައި ބައެއް ޑްރޯންތައް ވެއްޓިފައިވާއިރު، އަނެއްބައި ޑްރޯންތައް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ވެއްޓުނު ޑްރޯންގެ ކިތަންމެ މަދު އަދަދެއް ފެނުނު ނަމަވެސް ގެއްލުނު ޑްރޯންތަކުގެ އަދަދު އަދިވެސް ސާފެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ޝޯ އޮޕަރޭޓްކުރި ބަޔަށާއި އެމްއޭސީއެލަށް ވެސް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެހެންކަމުން، މިކަމުގައި އެމްއޭސީއެލްގެ އިހުމާލެއް އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރުކޮށް، ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތް ކަނޑައެޅުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.

އާ ޓާމިނަލް ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޑްރޯން ޝޯގެ އިތުރުން މާލެ ސަރަހައްދުގެ 19 ސަރަހައްދެއްގައި އެއްފަހަރާ ހަވާ އެރުވުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.