ޝަހީދު ހައި ކޯޓަށް އައްޔަންކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ވަކީލު ނައުޝާދު ކޯޓަށް
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ސަރުކާރުގެ ސިޔާސީ މަގާމެއް ދާދިފަހުން ފުރުއްވި މުޙައްމަދު ޝަހީދު އައްޔަންކުރަން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ބާތިލު ނިންމުމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު އަޙްމަދު ނައުޝާދު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ، ޝަހީދަކީ ސިޔާސީ އެކްޓިވިސްޓެއްގެ އިތުރުން މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް ވާއިރު، އޭނާއަށް ވުރެ ޤާބިލު، އަދި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ބޭފުޅުންނަށް ބޭއިންސާފުވެ، ޝަރުތު ހަމަނުވާ ޝަހީދު އައްޔަންކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ.
ޖޭއެސްސީން ހައި ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރަން ނިންމީ، އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެން މަގާމު ހުސްވުމުންނެވެ. ޝަހީދުގެ އިތުރުން ޖޭއެސްސީން ދެން އެ މަގާމަށް ނަން ފާސްކޮށްފައި ވަނީ ކުރީގެ ޤާޟީ ޢަބްދުﷲ ޖަމީލު މޫސާގެ ނަމެވެ.
Ads by BMLހައި ކޯޓުން ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ، ކުރީގެ އިސް ފަނޑިޔާރު ޙުސައިން ޝަހީދާއި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
ޙުސައިން ޝަހީދު އައްޔަންކުރީ، ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށެވެ. ސަލީމް އައްޔަންކުރީ، މަގާމުން ވަކިކުރި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ބަދަލުގައި ހުސްވި ދެ މަގާމުގެ ތެރެއިން އެއް މަގާމަށެވެ.
Ads by MACL
