ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހީޓެޑް ޓޮބޭކޯއާއެކު ދުންފަތުގެ ހުރިހާ ބާވަތެއްގައި ލޭބަލް ޖަހަން އަމުރުކޮށްފި

ހީޓެޑް ޓޮބޭކޯއާއެކު ދުންފަތުގެ ހުރިހާ ބާވަތެއްގައި ލޭބަލް ޖަހަން އަމުރުކޮށްފި

ހީޓެޑް ޓޮބޭކޯއާއެކު ދުންފަތުގެ ހުރިހާ ބާވަތެއްގައި ލޭބަލް ޖަހަން އަމުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، ބުނީ ދުންފަތުގެ އުފެއްދުންތަކުގައި ޖަހަންޖެހޭ ސިއްޙީ އިންޒާރުގެ ލޭބަލް ޖެހުމުގެ އުސޫލު، "ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް" އާއި "ނިކޮޓިން ޕައުޗް" އަށް ވެސް ހިމެނޭ ގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި އުސޫލުތައް ހަރުކަށިކަމާއެކު ތަންފީޒުކުރާނެ ކަމަށެވެ.


މި ބަދަލު ގެނެސްފައިވަނީ، ދާދިފަހުން ގެޒެޓްކުރި 'ޑިޒައިން އެންޑް ރިކުއާމަންޓްސް ފޯ ހެލްތު ވޯނިން' އުސޫލަށް ގެނައި ފުރަތަމަ އިސްލާހާ ގުޅިގެންނެވެ.


އެޗްޕީއޭއިން ބުނާ ގޮތުގައި، މި އިސްލާހާއެކު، އަލަށް އިތުރުކުރި ބާވަތްތައް ހިމެނޭ ގޮތަށް ދުންފަތުގެ އެއްވެސް އުފެއްދުމެއް، އޭގެ ބޭރުން ފެންނާނެހެން ސިއްޙީ އިންޒާރު ޗާޕުނުކޮށް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާވާނެއެވެ. ކަނޑައެޅިފައިވާ ތާރީޚަށްފަހު އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭ އިން ވަނީ އިންޒާރުކޮށްފައެވެ.


މި އުސޫލަކީ، ދުންފަތުގެ އިސްތިއުމާލުކުރުން ރާއްޖެއިން ކޮންޓްރޯލްކުރުމަށް މި ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުގެ ފިޔަވަޅެވެ. މީގެ ކުރިން ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފައެވެ.


މީގެ އިތުރުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ފަރާތްތަކަށް ދުންފަތް ވިއްކުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން' އެއް ތައާރަފްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.


މި މަސައްކަތްތަކުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް މާލީ އިނާމެއް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.


މިއީ މުޅި ރަށުގެ ރައްޔިތުން ހިމެނޭހެން ރަށެއްގެ ފެންވަރުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.