ރައީސަަށް މަރުގެ އިންޒާރު ދިން މައްސަލަ މިދަނީ ބަލަމުން: ފުލުހުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި ކުރު މެސެޖެއްގައި ބުނީ، ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް މަރުގެ އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ މިހާރު ދަނީ ބަލަމުން ކަމަށެވެ.
މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެސް، ޑްރަގް ޓްރެފިކިންގެ ކުށްތަކަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމުގެ ޚަބަރާ ގުޅިގެން، ފޭސްބުކްގައި މީހަކު ވަނީ ރައީސް މުޢިއްޒުއަށް އަމާޒުކޮށް ވަރަށް ނުރައްކާތެރި އިންޒާރެއް ދީފައެވެ.
Ads by BMLމަސީހް މޫސާ ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެންމެ ފުރަތަމަ މަރާލަންޖެހެނީ ރައީސް މުއިއްޒު ކަމަށެވެ. އަދި އެ ޕޯސްޓާއެކު ވަޅިއެއްގެ ފޮޓޯއެއްވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.
މި އިންޒާރު ދީފައިވަނީ، "ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)" އިން ގެނެސްދީފައިވާ "ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބުދޭން މަޝްވަރާ ކުރަނީ" މި ސުރުޚީގެ ޚަބަރު، އޭނާގެ ޕޭޖުގައި ޝެއާ ކުރަމުންނެވެ.
މީގެ ކުރިން ވެސް މިފަދަ އިންޒާރުތައް ސޯޝަލް މީޑިއާގައި ދިނުމުން ފުލުހުން ވަނީ އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައެވެ.
Ads by MACL
