ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނިއުޔޯކް ޑިކްލަރޭޝަނަކީ ފަލަސްތީނުގެ މިނިވަންކަމަށް ލިބުނު ހެއްކެއް: ރައީސް

ނިއުޔޯކް ޑިކްލަރޭޝަނަކީ ފަލަސްތީނުގެ މިނިވަންކަމަށް ލިބުނު ހެއްކެއް: ރައީސް

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އެ ޤައުމަށް ދާއިމީ ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބަސްވެފައިވާކަން 'ނިއު ޔޯކް ޑިކްލަރޭޝަން' އިން ހާމަވާތީ، އެއީ ފަލަސްތީނުގެ މިނިވަންކަމަށް ލިބުނު ސާފު ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'ނިއު ޔޯކް ޑިކްލަރޭޝަން' އަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ރައީސް އިޝާރާތް ކުރެއްވި މި ޑިކްލަރޭޝަނަކީ، ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމުގެ މަތިން، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުވުމެއްގެ ނަތީޖާއެވެ.

މި ބައްދަލުވުމުން ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތަށް ބާރެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ޑިކްލަރޭޝަނުން ދޭހަކޮށްދެނީ ފަލަސްތީނުގެ ދާއިމީ ސިޔާދަތަށް މެންބަރު ޤައުމުތަކުން ތާއީދުކުރާކަމާއި، އދ. ގެ ފުރިހަމަ މެންބަރުކަން އެ ޤައުމަށް ދިނުމަށް އެއްބާރުލުން ދޭކަމެވެ.

މީގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުން އަރައިގަނެ، ފަލަސްތީނު އަލުން އާރާސްތުކޮށް، އިޤްތިޞާދީ އަދި ސަލާމަތީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދޭ އެއްބާރުލުންވެސް މި ޑިކްލަރޭޝަނުން ކަށަވަރުވެގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަޔާން ނިންމަވާލައްވަމުން ރައީސް ވަނީ، އދ. ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި އޮންނަ މިނިވަން ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.