ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޭސްބުކް މެދުވެރިކޮށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތ. ތިމަރަފުށީ، މަލަސް، މަސީހު މޫސާ (25އ) ކަމަށާއި އޭނާގެ ފޯނުވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މަސީހު މި އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ރައީސް މުއިއްޒު ތާއީދުކުރައްވާކަން ހާމަކުރެއްވުމާ ގުޅިގެންނެވެ.
Ads by BMLރައީސްގެ މި ނިންމެވުމާ ގުޅޭގޮތުން އޮންލައިން މީޑިއާއަކުން ޝާއިއުކުރި ޚަބަރެއް ފޭސްބުކްގައި ހިއްސާކުރުމަށްފަހު، އެންމެ ފުރަތަމަ މަރާލަންވީ ރައީސް މުއިއްޒު ކަމަށް ބުނެ މަސީހު ވަނީ ކޮމެންޓެއް ކޮށްފައެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ވަނީ ތަހުގީގުކުރަން ފަށާފައެވެ.
ރައީސް މުއިއްޒު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ހަރުކަށި އަދަބުތައް ކަނޑައަޅަން ބޭނުންފުޅުވާތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
Ads by MACL
