އެމްޑީޕީން 'ރަން ރީނދޫ' ދުވުމުން 20 އަހަރުފުރުން ފާހަގަކޮށްފި
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނުތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ރަން ރީނދޫ" ގެ ނަމުގައި ބޭއްވި ދުވުމުގައި އެ ޕާޓީގެ އިސް ލީޑަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެއްޖެއެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މި ހަރަކާތުގައި، 300 އާ ގާތްކުރާ އަދަދެއްގެ މީހުން ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެންވާ މަގުގައި ދުވެފައިވެއެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ، ޕާޓީ އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އަޒުމް ހާމަކުރައްވާފައެވެ. އަދި މިހާރުގެ ހާލަތާ އެކު ސިޔާސީ ހަރަކާތްތައް ތަފާތު ގޮތްތަކަކަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް، އަދުގެ ޒުވާން ޖީލު ސިޔާސީ ކަންކަމަށް އަލުން އަހުލުވެރިކޮށް، ފޯރި ގެނުވުމަކީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރެވޭ ވާދަވެރި ސިޔާސީ ނިޒާމެއް ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ފާއިތުވި 20 އަހަރު ޕާޓީ ދެމިއޮތީ އާންމު މެންބަރުންގެ ބުރަ މަސައްކަތާއި ހިތްވަރުން ކަމަށާއި، ކުރިއަށް އޮތްތާނގައި ވެސް މެންބަރުންގެ އެއްބާރުލުމާ އެކު ޕާޓީއަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ޕާޓީގެ އެތެރެއާއި ބޭރުގައި ކުރިމަތިވެދާނެ ކަންކަމުގައި ސާބިތުވެ ތިބުމަށް މެންބަރުންނަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.
Ads by BMLމި ދުވުން ބޭއްވުމަށް އެމްޑީޕީން ކުރި މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ސެންޓްރަލް ޕާކުގައި މި ހަރަކާތް ބޭއްވުމަށް އެދުުމުން ހުއްދަ ނުދިނުމުން، 25 ވަނަ ދުވަހު މާލޭގެ މަޖީދީމަގުގައި ދުވުން ބާއްވަން ނިންމިއެވެ. ނަމަވެސް، ފަހުން ފުލުހުން ހުޅުމާލޭގައި ދުވުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމުން، އެ ނިންމުން ބަދަލުކޮށް މިއަދު އެ ހަރަކާތް ކުރިއަށް ގެންދިޔައީއެވެ.
މިއަދު ހަވީރު 5:00 ގައި ފެށި މި ހަރަކާތް ގާތްގަނޑަކަށް 25 މިނެޓަށް ކުރިއަށް ދިޔައިރު، ދުވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
Ads by MACL
