ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތައް 232 ފަރާތަކާ އެކު ހަދައިފި

ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތައް 232 ފަރާތަކާ އެކު ހަދައިފި

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަލުވިކޮށްފައިވާއިރު، މިހާތަނަށް 232 ފަރާތަކާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީން ބުނީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކުރުމުގެ ގޮތުން، ދުވާލެއްގެ މައްޗަށް ސޮއިކުރެވޭ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ޖުމްލަ 252 ފަރާތަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވެއެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ ގޮތުގައި ހައުސިން މިނިސްޓްރީން ވަނީ ޖުމްލަ 2،665 ފަރާތެއްގެ ލިސްޓެއް އެފްޑީސީއާ ހިއްސާކޮށްފައެވެ. އެހެންކަމުން، ލިސްޓުގައި ބާކީ ތިބި ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް އެއްބަސްވުންތައް ހަދާ ނިންމުމަށް އެފްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެފްޑީސީން ވަނީ ފްލެޓް ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.