ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސަށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ރައީސަށް މަރުގެ އިންޒާރުދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގޮވާލެއްވުމާ ގުޅިގެން، އެމަނިކުފާނަށް ފޭސްބުކް މެދުވެރިކޮށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރި ތ. ތިމަރަފުށީ، މަލަސް، މަސީޙް މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށްޓަކައި އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ އޭނާގެ ފޯނުވެސް ތަހުގީގަށްޓަކައި ހިފަހައްޓާފައިވާ ކަމަށެވެ.

މަސީޙް، ރައީސް މުއިއްޒަށް އިންޒާރު ދީފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް މަރުގެ އަދަބު ދިނުމަށް ރައީސް ގޮވާލެއްވި ޚަބަރެއް އޭނާގެ ފޭސްބުކްގައި ޝެއާ ކުރުމަށްފަހުއެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "އެންމެ ފުރަތަމަ މަރާލަންވީ" ރައީސް މުއިއްޒު ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން "ޒީރޯ ޓޮލަރެންސް" ސިޔާސަތެއް ގެންގުޅޭނެކަން ހާމަކުރައްވަމުންނެވެ. އެމަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބައެއް އިސްލާމީ އަދި އެހެނިހެން ޤައުމުތަކުގައިވެސް މިކުށަށް އޮންނަ ހަރުކަށި އަދަބުތައް، މަރުގެ އަދަބާއެކު، ރާއްޖޭގައިވެސް ތަންފީޒުކުރަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.