ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތަރުހީބު ބޮޑުވި އެޗްޑީސީގެ 'މައިންކްރާފްޓް' ފުޅަނދު މިއަދު އަލުން ދައްކާލަނީ

ތަރުހީބު ބޮޑުވި އެޗްޑީސީގެ 'މައިންކްރާފްޓް' ފުޅަނދު މިއަދު އަލުން ދައްކާލަނީ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކުރި 'މައިންކްރާފްޓް' ތީމުގެ ފުޅަނދަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމާއި، އަދި މޫސުން ގޯސްވުމުގެ ސަބަބުން ކުރިން ބާއްވަން އުޅުނު ހަރަކާތް ކެންސަލްވުމާ ގުޅިގެން، އެ ފުރުސަތު އަލުން ހުޅުވާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، އާންމުންގެ އެދުމުގެ މަތިން، ފުޅަނދު ދައްކާލުމުގެ ހަރަކާތް މިއަދު އަލުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ކުޑަކުދިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ 'މައިންކްރާފްޓް' ގެ ތީމަށް ތައްޔާރުކޮށްފައިވާ މި ފުޅަނދުތަކުން ދައްކުވައިދެނީ ހުޅުމާލޭގެ މުހިންމު ލޭންޑްމާކްތަކާއި ތަރައްގީގެ މަންޒަރުތަކެވެ. މި ފުޅަނދުތައް ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވި ގިނަ ބަޔެއްގެ، ހާއްސަކޮށް ކުޑަކުދިންގެ ހިތްތައް އަތުލާފައެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، މިއީ ސަރުކާރުން "މިނިވަން 60" ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ މަގްސަދުގައި ކުރި މަސައްކަތެކެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ފުޅަނދުތައް އެއްކޮށް، އެންމެ ދެ ހަފްތާގެ ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުކޮށްފައިވަނީ ސައްތައިން ސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގައުމީ މުނާސަބަތުތައް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން ކުލަގަދަކޮށް ފާހަގަކުރުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އެ ކުންފުނިން ބުނެއެވެ.