އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކީ ކުށުގެ ދިގު ރެކޯޑެއް އޮންނަ މީހެއް
އިދިކޮޅު އެމްޑީޕީގެ ހަރުގެއަކަށް ގެއްލުންދިނުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާ އަކީ، މީގެކުރިންވެސް ތަފާތު އެތައް ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް، ޖަލު ހުކުމްވެސް ތަންފީޒުކޮށްފައިވާ މީހެއްކަން ހާމަވެއްޖެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ މުޙައްމަދު ރަޒީން އެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރު 1:30 ހާއިރެވެ. ގެއްލުންދީފައިވަނީ ޗާންދަނީމަގުގައި، އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަނގަނޑު ދޮރަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަރުގޭގެ ދޮރުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ.
ރަޒީން އަކީ މީގެ ކުރިންވެސް ސިލްސިލާކޮށް ކުށްކުރަމުން އަންނަ މީހެކެވެ. އެގޮތުން، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން، އެންމެ ފަހުން އޭނާ ހައްޔަރުކުރީ މާލޭގައި ހިންގާ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގައެވެ. މީގެއިތުރުން، މިދިޔަ ޑިސެމްބަރު މަހު އައިޖީއެމްއެޗްގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައިވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
Ads by BMLފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
Ads by MACL
