ހައި ކޯޓުގެ އާ ދެ ފަނޑިޔާރުން މާދަމާ ހުވާކުރަނީ
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަލަށް އައްޔަންކުރި އެއް ބޭފުޅެއްގެ އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓުގައި ދައުވާއެއް ކޮށްފައި ވަނިކޮށް، އެ ކޯޓަށް އައްޔަންކުރި ދެ ފަނޑިޔާރުން މާދަމާ ރޭ ހުވާކުރެއްވުމަށް ހަމަޖައްސައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓަށް އަލަށް އައްޔަންކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޒް އަބްދުﷲ ޖަމީލް މޫސާ އާއި، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝަހީދެވެ. މި ދެ ބޭފުޅުން އައްޔަންކުރީ، އެ ކޯޓުގައި ހުންނެވި ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ބަދަލުކުރުމާ ގުޅިގެން ހުސްވި ދެ މަގާމަށެވެ.
ޝަހީދުގެ އައްޔަންކުރުމާ މެދު ސުވާލު އުފައްދައި، އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ދައުވާކުރީ ދައުލަތުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ނައުޝާދެވެ. ނައުޝާދު ފާހަގަކުރައްވާ ގޮތުގައި، ޝަހީދަކީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމުގެ ކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައި، ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
Ads by BMLއަލަށް އައްޔަންކުރި ދެ ފަނޑިޔާރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ 8:30 ގައި ސުޕްރީމް ކޯޓުގައެވެ.
Ads by MACL
