ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، ފަތުރަނީ ދޮގު ވާހަކައެއް: އެމްޕީއެލް

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، ފަތުރަނީ ދޮގު ވާހަކައެއް: އެމްޕީއެލް

މާލޭ ނޯތު ހާބަރުން މަސްދޯނިފަހަރުގެ އަތުން އިތުރު ފީއެއް ނަގަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޮގުކޮށްފިއެވެ. އެ ކުންފުނިން ބުނީ، އިތުރު ފީއެއް ނެގުމުގެ ބަދަލުގައި، ހާބަރުގެ ސަރަހައްދުން މަސްވެރިންނަށް ހާއްސަ ދެ ޒޯނެއް ކަނޑައަޅައި، އެއްވެސް އަގެއް ނެގުމެއް ނެތި އެތަން ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، ނޯތު ހާބަރުގެ އާ ބައިން މަސްވެރި އުޅަނދުތަކަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ހާއްސަކޮށްފައި ވަނީ، ޒޯން އީ (E) އާއި ޒޯން އެފް (F) އެވެ. ނަމަވެސް، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ފީ ނަގަމުން އަންނަ އުސޫލަށް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން އޭ (A) ޒޯނުން ގަޑިއިރަކަށް އުޅަނދުގެ ފުޅާމިނުގެ ކޮންމެ މީޓަރަކަށް 50 ލާރި އަދި ބީ (B) އާއި ސީ (C) ޒޯނުން ގަޑިއިރަކަށް ކޮންމެ މީޓަރަކަށް 1 ރުފިޔާ ނަގާނެއެވެ.

މަސްދޯނިފަހަރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ އުޅަނދުތަކަށް ހާއްސަކުރި ސަރަހައްދުތައް ތަރުތީބުކޮށް، ކިއު އުސޫލުން ހިދުމަތް ދިނުމުގެ އިންތިޒާމު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. މީގެ އިތުރުން، މަސްވެރިންނަށް އެކަނި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިދޭސީން ބޭނުންކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދެއެވެ.

އެމްޕީއެލްއިން ވަނީ މި ހުރިހާ ބަދަލެއްވެސް ގެންނާނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމުގެ ޔަގީންކަން ދެއްވާފައެވެ.