އާ އުސޫލުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކުމަށް 200 އަށްވުރެ ގިނަ ލައިސަންސް ދީފި
އާ އުސޫލުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކުމަށް 200 އަށްވުރެ ގިނަ ފަރާތަށް ލައިސަންސް ދީފިއެވެ.
އާންމު ސިއްހަތު ރައްކާތެރިކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް އާ އުޞޫލެއް އެކުލަވާލައި ހާއްސަ ލައިސަންސެއް ނެގުން މަޖުބޫރުކޮށްފައިވާއިރު، މި އުސޫލުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާތަނަށް 209 ފަރާތަކަށް ދުންފަތުގެ ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 17 ގެ ނިޔަލަށް ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ޖުމްލަ 767 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ. އެޗްޕީއޭއިން ބުނީ، ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 243 އެޕްލިކޭޝަނެއް ޝަރުތު ހަމަނުވާތީ ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން 177 އެޕްލިކޭޝަނަކަށް އަދި ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެ އެވެ.
ލައިސަންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 652 އެޕްލިކޭޝަނެއް ވެރިފައިކޮށްފައިވެ އެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސަށް އެދުނު 608 ފަރާތަކާއި، ދުންފަތުގެ އާ އުފެއްދުންތައް ރަޖިސްޓްރީ ކުރުމަށް އެދުނު 15 ފަރާތެއް ހިމެނެ އެވެ. މީގެ އިތުރުން، ދުންފަތް އިމްޕޯޓް ކުރުމުގެ ލައިސަންސަށް 28 ފަރާތަކާއި ރީ-އެކްސްޕޯޓް ކުރުމުގެ ލައިސަންސަށް އެއް ފަރާތެއްގެ އެޕްލިކޭޝަން ވެރިފައިކޮށްފައިވެ އެވެ.
Ads by BMLދުންފަތުގެ ވިޔަފާރި ކުރުމަށް ހެލްތު މިނިސްޓްރީން ދޫކުރާ ހާއްސަ ލައިސަންސެއް ނަގަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި އިސްލާހުގެ އިތުރުންވެސް ސަރުކާރުން ދަނީ ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފަ އެވެ.
Ads by MACL
