އެއާޕޯޓުގެ ގަވާއިދުތަކަށް ތަބާވުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެއާޕޯޓްގެ އެތެރޭގައި ހާއްސަ ގަވާއިދުތަކަކަށް އަމަލުކުރުމަށް ގޮވާލައިފިއެވެ.
އެ ކުންފުނިން މިކަމަށް އިލްތިމާސްކޮށްފައިވަނީ އެއާޕޯޓުގެ ސަލާމަތީ ކަންކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމުގައި ފާހަގަކުރުމަށްފަހުއެވެ.
އެމްއޭސީއެލްއިން މިކަމާ ގުޅޭގޮތުން އެކްސްގައި އާންމުކުރި މެސެޖުގައި، އެއާޕޯޓް ސަރަޙައްދުގައި ދުއްވާ އުޅަނދުތައް ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް ދުއްވުމަށާއި، ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލުމުން ދުރުހެލިވުމަށް ވަނީ އަންގާފައެވެ.
Ads by BMLމީގެ އިތުރުން، އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ "ސެކިއުރިޓީ" އޮފިސަރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީވެސް ވަރަށް މުހިންމު ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްއޭސީއެލްއިން ބުނީ، އެއާޕޯޓަކީ ގިނަ ބަޔަކު އެއްވެ އުޅޭ ތަނަކަށްވުމާއެކު، ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އެންމެން އެކުގައި އަމަލުކުރުމަކީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި އެއާޕޯޓް ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
Ads by MACL
