ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހައިކޯޓު ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ޝަހީދު ޖޭއެސްސީ އަށް އަންގައިފި

ހައިކޯޓު ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ޝަހީދު ޖޭއެސްސީ އަށް އަންގައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވި، އަދި މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވާފައިވާ މުހައްމަދު ޝަހީދު، އައްޔަން ކުރުމާ މެދު ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކާ ގުޅިގެން ފަނޑިޔާރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ކުޑަވަގުތުކޮޅެއް ވެފައި ވަނިކޮށް، ހައިކޯޓު ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ޝަހީދު ޖޭއެސްސީ އަށް އަންގައިފިއެވެ.

ޝަހީދު މި ނިންމުން ނިންމެވީ، ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓުމަށް ކަމަށް ވިދާޅުވެއެވެ.

ޝަހީދުގެ އައްޔަންކުރުން ހުއްޓުވުމަށް އެދި، އެ މަގާމަށް ވާދަކުރެއްވި އަނެއް ބޭފުޅާ ކަމަށްވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު އަހުމަދު ނައުޝާދު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. ޝަހީދުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ. މި ހަރަކާތްތަކާ ގުޅިގެން، ޝަހީދު ވަނީ ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވައި އޭނާގެ އެޕްލިކޭޝަން ބާތިލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް އެޑްރެސް ކުރެއްވި ސިޓީގައި ޝަހީދު ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާތީ، ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާއަށް ސިޔާސީ ނަޒަރަކުން ދެކެމުންދެއެވެ. އަދި އެފަދަ ހާލަތެއްގައި ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމަކީ ޝަރުއީ ދާއިރާގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށްވާތީ މި ނިންމުން ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައި ކޯޓުގައި ހުސްވި ދެ މަގާމަކީ، އެ ކޯޓުގައި ކުރިން ތިއްބެވި ދެ ފަނޑިޔާރަކު ކަމަށްވާ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް، ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެން ހުސްވި ދެ މަގާމެވެ.

ސުޕްރީމް ކޯޓުގެ އެ މަގާމުތައް ހުސްވީ، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.