ސިއްހީ ފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް އާރްޓީއެލްގައި ހިލޭ ދަތުރު ކުރެވޭގޮތް ހަދަނީ
ދާއިމީ ބަލިތަކަށް ގަވާއިދުން ސިއްހީ ފަރުވާ ހޯދުމަށް އާރްޓީއެލް ފެރީގައި ދަތުރުކުރަންޖެހޭ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ. މި ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިކަން ހާމަކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރެވެ. އޭނާ ވިދާޅުވީ، މިކަމަށް ހާއްސަކޮށްގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް، ބީއެމްއެލްގެ ޚާއްސަ ކާޑެއް ދޫކުރާނެ ކަމަށެވެ. މި އިންތިޒާމުގެ ދަށުން، އެ ކާޑު ބޭނުންކޮށްގެން ބަލިމީހާއަށާއި، އެމީހާއާއެކު ދަތުރުކުރާ އެހީތެރިޔާއަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ.
ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމު، އާރްޓީއެލްގެ ޚިދުމަތް މިހާރުވެސް ވަނީ ހަތަރު ޒޯނެއްގެ 11 އަތޮޅެއްގެ 110 ރަށަކަށް ފޯރުކޮށްދީފައެވެ. އެންމެ ފަހުން މި ޚިދުމަތް އިފްތިތާހުކޮށްފައިވަނީ ބ. އަތޮޅުގައެވެ.
Ads by BMLމިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމެވެ. އެގޮތުން، ދެން އެންމެ އަވަހަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަނީ ޒޯން ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ، އަދި ލ. އަތޮޅުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
Ads by MACL
