ޑިމޮކްރަސީ ކުރިއަރުވައި، މަޖިލީހުގެ ދައުރު ހާމަކުރުމަށް ވީޑިއޯ މުބާރާތެއް
ޑިމޮކްރަސީގެ އަސާސްތައް އާންމުންގެ މެދުގައި ކުރިއެރުވުމާއި، ޤާނޫނު ހަދާ މަޖިލީހުގެ ދައުރު އަންގައިދިނުމުގެ މަޤްޞަދުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޚާއްޞަ ވީޑިއޯ ކްލިޕް މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި މުބާރާތަކީ 2025 ވަނަ އަހަރު ފާހަގަކުރާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
"ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން - ރައްޔިތުންގެ މަޖިލީހުގެ ދައުރު" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ހުޅުވާލާފައެވެ. އެއީ އަމިއްލަ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ކެޓަގަރީއެވެ. އަމިއްލަ ގޮތުން ބައިވެރިވާން އެދޭނަމަ، 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ޢުމުރުން 16 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން ޝަރުޠެކެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށެވެ. ފޯމާއެކު، އަމިއްލަ ފަރުދުންނަމަ އައިޑީ ކާޑުގެ ކޮޕީއެއް، އަދި ޖަމްޢިއްޔާއެއްނަމަ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، ހުށަހަޅާ ވީޑިއޯގެ ލިންކުވެސް ފޯމުގައި ހިމަނަން ޖެހޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
Ads by BMLމަޖިލީހުގެ އިދާރާއިން ބުނީ، މުބާރާތުގެ ޝަރުޠުތަކާއި، އިނާމުތަކުގެ ތަފްޞީލު، މުބާރާތަށް ޚާއްޞަކޮށްފައިވާ ގައިޑްލައިނުން ފެންނަން ހުންނާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ޑިމޮކްރަސީގެ އަގުތައް މުޖުތަމަޢުގައި ދިރުވައި، ސިޔާސީ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ރައްޔިތުންނަށް ހިތްވަރު ދިނުން ކަމަށް މަޖިލީހުން ފާހަގަކުރެއެވެ.
Ads by MACL
