ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

ބްލެކްމެއިލްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

އޮރިޔާންކާޑެއް ގެންގުޅޭ ކަމަށް ބުނެ ބިރުދައްކައި، ދިވެހި ފިރިހެނެއްގެ އަތުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރިއެއްވެސް ހިންގަމުންދިޔަ ކަމަށް ތުހުމަތުކުރެވި، އޭނާއާ އެކު އަންހެނަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި މައްސަލަތަކާ ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒު ލުތުފީ (32އ) އާއި، މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ. ފަވާޒަށް ތުހުމަތުކުރެވެނީ ބްލެކްމެއިލްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެވެ. ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައެވެ.

ފުލުހުން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރިޕޯޓްކުރި މި މައްސަލައިގެ ތަހުގީގަށް ގިނަ މައުލޫމާތުތަކެއް އެއްކޮށްފައިވާ ކަމަށެވެ. އެގޮތުން، ފަވާޒް ދިރިއުޅޭކަމަށް ބެލެވޭ ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެތަނުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ސިމްކާޑުތަކެއް ފެނިފައިވެ އެވެ. މީގެ އިތުރުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓަކާއި، އެތަކެތި ވިއްކުމަށް ބޭނުންކުރާ ސާމާނުވެސް އެ އެޕާޓްމަންޓުން ވަނީ ފެނިފައެވެ.

އޮޕަރޭޝަންގެ ތެރެއިން، ފައިނާޒް ލައިގެން ހުރި އަންނައުނުގެ ތެރެއިންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ ދެމީހުންވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ ބްލެކްމެއިލްގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލަ ވަކި ދެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.