ކާބޯތަކެތީގެ އަގުބޮޑުވި ވާހަކައަކީ ދޮގެއް، އެންމެ އަނިޔާވެރީ އެމްޑީޕީގެ ދެ ވެރިކަން: މުޙައްމަދު އިސްމާޢީލް
އެމްޑީޕީން ހިންގި ދެ ވެރިކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ރައްޔިތުންނަށް އެންމެ އަނިޔާވެރި އަދި ދަތި ދުވަސްތަކެއް ދެއްކި ދެ ވެރިކަން ކަމަށާއި، މިހާރު ކާބޯތަކެތީގެ އަގު މީގެ ކުރިން ދުވަހަކުވެސް ނުވާހާ ބޮޑަށް އުފުލިއްޖެ ކަމަށް ބުނެ އެ ޕާޓީން ދައްކަމުންދަނީ ސިޔާސީ ބޭނުމެއްގައި ފަތުރާ ބުހުތާން ދޮގުތަކެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި، ފެހި ޤާނޫނުއަސާސީގެ ދަށުން އުފެދުނު ޑިމޮކްރެޓިކް ވެރިކަންތަކުގެ ތެރެއިން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަކީ، ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް އެންމެ ބޮޑެތި ދަތިތަކާއި އަނިޔާތައް ކުރިމަތިވި ދެ ވެރިކަމެވެ.
ސިޔާސީ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ދޮގު މަޢުލޫމާތު ފަތުރައި މުޖުތަމަޢުގައި ފިތުނަ އުފެއްދުމަކީ އިސްލާމީ ރިވެތި އުޞޫލުތަކާ ޚިލާފު، "ދަށުދަރަޖައިގެ ހަޑިމުޑުދާރު ހުތުރު ޢަމަލެއް" ކަމަށް ވިދާޅުވެ، މުޙައްމަދު އިސްމާޢީލް ވަނީ އެމްޑީޕީގެ މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
Ads by BMLއަދި، އެމްޑީޕީން ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްކޮށް، ދޮގު ވިއްކައިގެން އަބަދަކު ރައްޔިތުންގެ ތާއީދާއި ކާމިޔާބީ ނުހޯދޭނެކަން ޤަބޫލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by MACL
