މެމްބަރު ޝުޖާއު މަސައްކަތް ކުރާ ކޮމެޓީތަކަށް ބަދަލުތަކެއް، މިހާރު މަސައްކަތް ކުރާނީ ގައުމީ ތަރައްގީ ކޮމެޓީގައި
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަސައްކަތް ކުރާ ކޮމެޓީތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މިހާރު މަސައްކަތް ކުރައްވާނީ ގައުމީ ތަރައްގީ ކޮމެޓީގައިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ބަދަލު ގެނެސްފައި މިވަނީ، އޭނާއާ ގުޅުން ހުރި ކަމަށް ބުނާ މާލީ މުއާމަލާތްތަކެއްގެ މައްސަލައާ ގުޅިގެން މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުވާން އެންމެ ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ.
މެންބަރު ޝުޖާއުގެ މައްޗަށް މި ތުހުމަތުތައް އަމާޒުވީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވުމާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާ ގޮތުން، ޝުޖާއުއާއި އޭނާގެ އާއިލީ ބޭފުޅެއް ކަމަށްވާ ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް، ތަފާތު ފަރާތްތަކުން ގާތްގަނޑަކަށް 42.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ދައުލަތުގެ ރަސްމިއްޔާތެއް ބޭއްވުމަށް 23 މިލިއަން ރުފިޔާގެ މަޝްރޫއެއް، އޭނާއާ ގުޅުން ހުރި ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ދީފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
Ads by BMLމިކަން ހިނގާފައިވަނީ، 5 މިލިއަން ރުފިޔާއިން މަތީގެ މަޝްރޫއުތައް ޓެންޑަރަށް ނުލައި ދިނުމަކީ މަނާކަމަކަށް ވީ ނަމަވެސް، އެ މަސައްކަތް ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ސިވެކްއާ ހަވާލުކޮށް، އެ ކުންފުނި މެދުވެރިކޮށް ޝުޖާއު އަދި ނާފިޒާ ގުޅުން ހުރި ކުންފުނިތަކަށް ސަބް-ކޮންޓްރެކްޓް ކުރުމަށްފަހު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މި މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކުރެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. ޕީއެންސީގެ ފަރާތުން މާލިއްޔަތު ކޮމިޓީއަށް އަލަށް އައްޔަން ކުރެއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.
މި ތުހުމަތުތަކާ ގުޅިގެން ޝުޖާއު ވިދާޅުވެފައިވަނީ، ދައުރުވަމުންދާ ލިޔުމަކީ އަސްލެއް ކަމެއް ނުވަތަ ނޫންކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ ތެދު ލިޔުމެއް ނަމަވެސް އެއީ އޭނާގެ އަގު ވައްޓާލުމަށް ގަސްދުގައި ހަގީގަތް އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ.
Ads by MACL
