މެމްބަރުންގެ މަސައްކަތް ގޯސްކޮށް ވަޒަން ކުރަނީ އަގުވައްޓާލަން: މަޖިލިސް ރައީސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތް ގޯސްކޮށް ވަޒަން ކޮށް ބައެއް މެންބަރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ދައްކައި ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭނަކީ، މެންބަރުންގެ އަގު ވައްޓާލުމުގެ މަޤުސަދުގައި ކުރާ ކަމެއް ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މެންބަރަކު ބިލެއް ނުވަތަ ޤަރާރެއް ހުށަނޭޅުމަކީ އެ މެންބަރަކު މަސައްކަތް ނުކުރައްވާ ކަމުގެ ހެއްކެއް ނޫނެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ހިނގަނީ ތަޅުމަށްވުރެ ބޮޑަށް ކޮމިޓީތަކުގައިކަން ތަކުރާރުކުރައްވާފައެވެ. އަދި 20 ވަނަ މަޖިލީހަށް އަދި އަހަރަކާއި ދެމަސް ދުވަސް ވެފައިވާއިރު، މެންބަރުންގެ މަސައްކަތްތަކުގެ ތަފްސީލު މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި، ތަޅުމާއި ކޮމިޓީގައި ކުރާ މަސައްކަތަށް ބެލުމެއްނެތި މެންބަރުންނާ ދޭތެރޭ ދެކެވެނީ ނުބައި ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.
Ads by BMLމެންބަރުންގެ މަސައްކަތާ މެދު ސުވާލު އުފެދިފައިވާއިރު، މެންބަރުންނަށް ލިބޭ ބޮޑު މުސާރައާ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ. ހާއްސަކޮށް، މިހާރުގެ މަޖިލީހުން ގަވާއިދުގައިވާ ގޮތަށް ހަފުތާއަކު ތިން ޖަލްސާ ބާއްވަމުން ނުދާ މައްސަލައަކީ ވެސް ފާޑުކިޔުން އަމާޒުވާ ކަމެކެވެ.
މި ދައުރުގައި ގިނަ ބިލުތައް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. އިދިކޮޅު އެމްޑީޕީން ގިނަ އަދަދަކަށް ކުއްލި މައްސަލަތަކާއި ޤަރާރުތައް ހުށަހެޅި ނަމަވެސް، ސަރުކާރުގެ މެޖޯރިޓީއާ ހެދި އޭގެ ގިނަ މައްސަލަތައް މަޖިލީހުން ބޭރުކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ އިދާރާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މެންބަރެއްގެ މަސައްކަތް ވަޒަންކުރަންޖެހެނީ ހުށަހަޅާ ބިލުގެ އަދަދުން އެކަންޏެއް ނޫނެވެ.
Ads by MACL
