ތެލާއި، އައިސް ލިބޭ ގޮތަށް ނޯތް ހާބަރ އަށް ބަދަލު ތަކެއް ގެންނާނެ ކަމަށް އެމް.ޕީ.އެލް އިން ބުނެފި
މާލެ ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއިއެކު އެ ސަރަހައްދުން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ. މި ސަރަހައްދު އެމްޕީއެލްއަށް ދީފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.މާލޭ ނޯތު ހާބަރު ސަރަޙައްދު ބޮޑުކުރުމާއިއެކު އެމްޕީއެލްއިން ދަނީ އަލަށް އިތުރުވި ސަރަހައްދަށް ގެންނަންޖެހޭ ބަދަލުތަކާއި ޚިދުމަތްތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އެ ސަރަހައްދުން މަސްވެރިންނަށް އައިސްލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމް.ޕީ.އެލްއިން މި ނިންމީ އަގުހެޔޮ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް އައިސް ފޯރުކޮށްދެވޭނެ ލުއިފަސޭހަ އިންތިޒާމަކީ ކޮބާތޯ މަސްވެރިންނަށް. އެގޮތުން އަޅުގަނޑުމެން އައިސްޕްލާންޓެއް ނުވަތަ އައިސްލިބޭނެގޮތް ގާއިމްކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އަދި ތެލުގެ ޚިދުމަތްވެސް ވިޔަފާރީގެ އުސޫލަކަށްވުރެ ބޮޑަށް އެތަނުގެ އުޅަނދުފަހަރު ގާތްގަނޑަކަށް މަހަކު މަސްވެރިން ނުލާ 125 އުޅަނދު ދަތުރުރަމުންދާތަނެއްވީމަ އެތަނުން އެ ޚިދުމަތްވެސް ލިބެން އެބޭފުޅުން ބޭނުންވާތީ މިހާރު ރާވަމުން މިދަނީ ތެލުގެ ޚިދުމަތްދޭން އެއީ ވިޔަފާރި އުސޫލަކުން ނޫން އެންމެ މިނިމަމް ރޭޓެއްގައި އެބޭފުޅުންނާއި ހަމައަށް އެ ޚިދުމަތް ދޭން އަޅުގަނޑުމެން ރާވާފައި މިއޮތީ" އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން ޚިދުމަތް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ. މީގެކުރިން ނޯތު ހާބަރުގެ ކީވޯލުން ޖާގަ ދެވެނީ 32 ނުވަތަ 34 އުޅަނދަށް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
Ads by MACL
