ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ދޫކޮށްފި

ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ދޫކޮށްފި

ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް، ދަނޑުވެރިކަމާބެހޭ މިނިސްޓްރީއާއި އެސްޑީއެފްސީ ގުޅިގެން ދޫކުރާ "ދަނޑުވެރި ނަފާ" ލޯނު މިހާތަނަށް 45 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެސްޑީއެފްސީ) ބުނެފިއެވެ. މި ލޯނު ޕްރޮގްރާމަކީ ދަނޑުވެރިންގެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.

އެސްޑީއެފްސީން ފާހަގަކުރާ ގޮތުގައި، ލޯނު ނެގި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދަނީ ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން ވާޓިކަލް ފާމިންގ އާއި ގްރީން ހައުސް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

އެއްފަރާތުން ޒަމާނީ ދަނޑުވެރިކަމަށް ޝައުޤުވެރިކަން އިތުރުވާއިރު، އަނެއްކޮޅުން ކުކުޅު ފާމިންގ (ޕޮއެލްޓްރީ) ފަދަ ދަނޑުވެރިކަމުގެ މުހިންމު އެހެން ދާއިރާތަކަށް ސަމާލުކަންދޭ މިންވަރު ދަށްކަން އެސްޑީއެފްސީން ފާހަގަކުރެއެވެ.

ދަނޑުވެރިނަފާ ލޯނު ސްކީމްގައި ދެ ކެޓަގަރީއެއްގެ ދަށުން ފައިސާ ދޫކުރެއެވެ. އެއީ އެއްލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނާއި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. މި ދެ ބާވަތުގެ ލޯނުންވެސް އަހަރަކު %6 ގެ އިންޓަރެސްޓެއް ނަގާއިރު، އެއްލައްކަ ރުފިޔާގެ ލޯނު އަނބުރާ ދެއްކުމަށް 3 އަހަރު، އަދި ދެ މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބެއެވެ.

މި ލޯނަށް އެދުމުގެ ޝަރުތު ހަމަވާ، ދަނޑުވެރިންގެ ޕޯޓަލްގައި މިހާރުވެސް 6،699 ދަނޑުވެރިން ރަޖިސްޓްރީވެފައިވާކަން ފާހަގަކޮށްލެވެއެވެ.