ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަގްސާގެ ހުރުމަތް ކަނޑާލި މައްސަލަ: އިޒްރޭލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅަން ރާއްޖެއިން ގޮވާލައިފި

އަގްސާގެ ހުރުމަތް ކަނޑާލި މައްސަލަ: އިޒްރޭލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅަން ރާއްޖެއިން ގޮވާލައިފި

އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އީޓަމަރް ބެން ގްވީރް، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމާރާތުގެ ތެރެއަށް ވަދެ އެތަނުގެ ހުރުމަތް ކަނޑާލުމާ ގުޅިގެން، އިޒްރޭލާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ ހިލާފު، ހިތްވަރުގަދަކަމެއް ކަމަށް ސިފަކޮށްފައިވެއެވެ. އަދި މިއީ އިސްލާމީ މުގައްދަސް ތަންތަނުގެ ތާރީހީ އަދި ދީނީ ހައިސިއްޔަތު ބަދަލުކުރުމަށް އިޒްރޭލުން ތަކުރާރުކޮށް ހިންގަމުން އަންނަ ނޭދެވޭ އަމަލުތަކުގެ ސިލްސިލާއެއްގެ ބައެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ ތާއީދު އަބަދުވެސް އޮންނާނެކަން ސަރުކާރުގެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ. މިގޮތުން، ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ފާއިތުވި 60 އަހަރު ތެރޭގައިވެސް ނުދާހާ ގޯސް ދަރަޖައަކަށް ގޮސްފައިވާކަމަށް އދ. އިން ފާހަގަކޮށްފައިވާކަންވެސް ހަނދާންކޮށްދީފައިވެއެވެ.

އިޒްރޭލުން ހިންގާ މިފަދަ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވައި، އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ރައްކާތެރިކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.