ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވޭ! 50 މޭލަށް ވައިގަދަވެ، ޔެލޯ އެލާޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ދިނުމަށްފަހު، ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 13:30 އާ ހަމައަށް މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މި އެލާޓްގެ ވަގުތުތަކުގައި، އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މީގެ އިތުރުން، އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވަނީ މިއަދު 13:30 އާ ހަމައަށް ވައިޓް އެލާޓެއް ނެރެފައެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
Ads by BMLމޫސުން ގޯސްވެ، އެލާޓްތައް ނެރެފައިވުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމާބެހޭ ހަރުކަށި އުސޫލުތަކެއް ހަނދާންކޮށްދީފައެވެ. އެގޮތުން، ޔެލޯ، އޮރެންޖް ނުވަތަ ރެޑް އެލާޓެއް ނެރެފައިވާނަމަ، 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެކެވެ. އަދި ޕަސިންޖަރުން ނެތިވެސް މިފަދަ އުޅަނދުތައް ކަނޑަށް ނުކުތުން މަނަލެވެ.
މީގެ އިތުރުން، އެލާޓެއް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ލައިފް ޖެކެޓް އެޅުން މަޖުބޫރެވެ. އަދި 9 މީޓަރުން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު ލައިފް ޖެކެޓް އެޅުމަކީވެސް މަޖުބޫރު ކަމެކެވެ.
Ads by MACL
