ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަތަރު ގިންތިއަކުން ހުޅުވާލައިފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ އިނާމު، ތަފާތު ހަތަރު ދާއިރާއަކުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ ފަރާތްތަކަށް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވިދާޅުވީ، އިނާމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ސެޕްޓެންބަރު މަހުގެ 15 ވާ ހޯމަ ދުވަހުގެ 14:00 ކަމަށެވެ. ނަން ހުށަހަޅަންޖެހޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮންލައިން ޕޯޓަލް http://apply.presidency.gov.mv މެދުވެރިކޮށެވެ.
އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކުގެ ތެރޭގައި، އެކަޑަމިކް ގޮތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަންވިދާލާ ފަރާތްތައް ހިމެނެއެވެ. މިގޮތުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ފާހަގަކޮށްލެވޭ ކާމިޔާބީއަކާއެކު ހާސިލުކުރުމުގެ އިތުރުން، ލެވެލް 7، 8، ނުވަތަ 9 ގެ ސަނަދެއް އެންމެމަތީ ޝަރަފާއެކު (ހަޔެސްޓް އޮނަރސް) ހާސިލުކޮށްފައިވާ ފަރާތްތަކަށް ނަން ހުށަހެޅޭނެއެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މަޢުރަޒަކުން ރާއްޖެ ތަމްސީލުކޮށް އެންމެމަތީ ޝަރަފު ހޯދާފައިވާ ފަރާތްތަކަށްވެސް މި ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މީގެ އިތުރުން، އީޖާދީ ވިސްނުމާއި ހުނަރުވެރިކަމުގެ އަހުލުވެރިންނަށްވެސް މިއަހަރުގެ އިނާމުގައި ޚާއްޞަ ގިންތިތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޢިލްމީ ދިރާސާއަކުން ނުވަތަ އީޖާދަކުން ޙައްލެއް ހޯދައިދީފައިވާ ފަރާތްތައް ހިމެނެއެވެ. ހަތަރުވަނަ ގިންތި ޚާއްޞަކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ގިންތިން އިނާމު ދެވޭނީ، ޤައުމީ ތަރައްޤީއަށް އުފެއްދުންތެރި، އީޖާދީ މަސައްކަތެއް ކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ހުނަރުވެރި ޒުވާނުންނަށެވެ.
Ads by BMLޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ، އިނާމަށް ނަން ހުށަހަޅާއިރު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
Ads by MACL
