ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޭޕްގެ މައްސަލަތަކުގައި މިދިޔަ މަހު 127،000 ރުފިޔާގެ ޖޫރިމަނާ

ވޭޕްގެ ސަބަބުން އެންމެބޮޑު ނުރައްކަލެއް އޮތީ ފުއްޕާމެއަށް ---
ވޭޕްގެ ސަބަބުން އެންމެބޮޑު ނުރައްކަލެއް އޮތީ ފުއްޕާމެއަށް ---

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރާ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ވަރުގަދަކޮށް، މިދިޔަ މަހު އެކަނި ވެސް ވޭޕާ ގުޅޭ 15 މައްސަލައެއްގައި 22 މީހަކު ޖުމްލަ 127،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިއީ ވޭޕާ ދެކޮޅަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފެށި ކަމުގެ ހެއްކެކެވެ.

ފުލުހުން ހާމަކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން، މި ޖޫރިމަނާތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވޭޕް ބޭނުންކުރުމުގެ ކުށުގައެވެ. އެގޮތުން، ވޭޕް ބޭނުންކޮށްގެން 62،000 ރުފިޔާ ލިބިފައިވާއިރު، ވޭޕް ގެންގުޅުމުގެ ކުށުގައި 58،000 ރުފިޔާ އަދި ވޭޕް ވިއްކުމުގެ ކުށުގައި 7،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ވަނީ ނަގާފައެވެ.

ވޭޕް މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމަކީ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވާއިރު، ކުޑަކުއްޖަކަށް ވޭޕް ވިއްކުން ނުވަތަ ދިނުމުގެ ޖޫރިމަނާއަކީ 50،000 ރުފިޔާއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މި ގާނޫނުގެ މައިގަނޑު މަގުސަދަކީ އާންމު ސިއްހަތު ރައްކާތެރިކޮށް، ވޭޕް ބޭނުންކުރުން ހުއްޓުވުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޒުވާން ޖީލެއް ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. ރައީސް މުއިއްޒު ވަނީ ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން އެހެން ވިޔަފާރިއަކަށް ދިޔުމަށް ވެސް ގޮވާލައްވާފައެވެ.

ފުލުހުން އިލްތިމާސްކުރަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް އާންމުން އިހުތިރާމްކޮށް، އޭގެ ތަންފީޒަށް ފުރިހަމަ އެއްބާރުލުން ދިނުމަށެވެ. ގާނޫނާ ހިލާފުވާ ފަރާތްތަކުން ޖޫރިމަނާ ފަސޭހައިން ދެއްކޭނެ ގޮތް ހެދުމުގެ ގޮތުން، ވާރު ޕޭ ލިންކެއް ބޭނުންކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.