ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާޙުތަކަށް ކައުންސިލްތަކުގެ ތާއީދު އިތުރުވަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޤާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުތަކަށް ރާއްޖޭގެ ގިނަ ކައުންސިލްތަކަކުން ތާއީދުކޮށް، އެއީ ރައްޔިތުންގެ މަންފަޢަށްޓަކައި ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ކަމަށް ބުނެ ބަޔާން ނެރެމުން އެބަދެއެވެ.
މަދު ކައުންސިލަކުން މި އިސްލާޙުތަކާ ދެކޮޅު ހެދިނަމަވެސް، ރާއްޖޭގެ 200 އަށްވުރެ ގިނަ ކައުންސިލްތަކުގެ ތެރެއިން ގިނަކައުންސިލްތަކުން ދެކެނީ، މި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ޚިދުމަތް ދިނުން އަވަސްވެގެންދާނެ ކަމަށެވެ. މިގޮތުން، ލ. ފޮނަދޫ ކައުންސިލުން ވަނީ ސަރުކާރުގެ ބިލަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށް ރަސްމީ ބަޔާނެއް ނެރެފައެވެ.
އިސްލާޙުތައް ގެންނަން ޖެހުނީ ކީއްވެ؟
Ads by BMLފޮނަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާޙުތައް ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، މިހާރު އޮތް ޤާނޫނުގެ ތެރެއިން "ވަކިބަޔަކަށް ނުވަތަ ވަކި މީހަކަށް މަންފާ ހޯދައިދެވޭނެ ގޮތަށް ހުރި ކަންކަމަށް" ބަދަލު ގެނައުމެވެ. މީގެ މާނައަކީ، ކުރީގެ އެމްޑީޕީ ސަރުކާރުން ފާސްކުރި ޤާނޫނުގައި، ލާމަރުކަޒީ ނިޒާމުގެ ނަމުގައި، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ބައްޓަން ކުރެވޭނެ ޖާގަ އޮތުމެވެ.
މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ:
- ރައްޔިތުންގެ ބާރުވެރިކަން ހަޤީޤީ މާނައިގައި ކަށަވަރުކޮށްދިނުން.
- ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ބުރޮކްރަސީ ކުޑަކޮށް، ކައުންސިލްތަކަށް ހަލުވިކަމާއެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކުރުން.
- ނިޒާމުގެ ތެރެއިން ވަކި ފަރުދުންނަށް ނުވަތަ ސިޔާސީ ފަރާތްތަކަށް ފައިދާ ހޯދުމަށް އޮތް މަގުތައް ބަންދުކުރުން.
އެމްޑީޕީގެ "ލާމަރުކަޒީ" އާއި މި ސަރުކާރުގެ ތަފާތު
ކުރީގެ އެމްޑީޕީ ސަރުކާރުން "އެންމެން ގުޅިގެން" ޝިއާރުގެ ދަށުން ލާމަރުކަޒީ ޤާނޫނު ތަޢާރަފްކުރި ނަމަވެސް، ޢަމަލީ ގޮތުން ފެނިގެން ދިޔައީ ސިޓީ ކައުންސިލްތަކަށާއި، އެ ޕާޓީއަށް ތާއީދުކުރާ ކައުންސިލްތަކަށް އިތުރު ބާރުތަކާއި ވަސީލަތްތައް ދީ، އެހެން ކައުންސިލްތައް ބާކީކުރި ތަނެވެ. މިއީ ލާމަރުކަޒީގެ ނަމުގައި، މުޅި ނިޒާމު މަރުކަޒީކޮށް، ސިޔާސީ ފައިދާއަށް ބޭނުންކުރުމަށް ހުޅުވާލެވުނު ދޮރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙުތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، އެފަދަ ތަފާތުކުރުންތައް ނައްތާލައި، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ، އެ ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ކައުންސިލެއްގެ ފެންވަރަކަށް ނުބަލައި، ހަމަހަމަ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
ގިނަ ކައުންސިލްތަކުގެ ތާއީދު - ރައްޔިތުންގެ އުންމީދު
ފޮނަދޫ ކައުންސިލްގެ އިތުރުން، އަތޮޅުތަކުގެ އެކި ރަށްރަށުގެ ގިނަ ކައުންސިލްތަކުން ދަނީ މި ބިލަށް ތާއީދުކުރަމުންނެވެ. އެ ކައުންސިލްތަކުން ދެކޭ ގޮތުގައި، މި އިސްލާޙުތަކަކީ ޤައުމީ ތަރައްޤީއަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެކެވެ. ސަރުކާރުން ގެންނަ މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި، ރައްޔިތުންނާ ގާތުން ޖަވާބުދާރީވާ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.
މަދު އަޑުތަކަކުން އިދިކޮޅު ޚިޔާލު ފާޅުކުރި ނަމަވެސް، ކައުންސިލްތަކުގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު ސަރުކާރުގެ މި އިސްލާޙުތަކަށް ލިބުމަކީ، މިއީ ރައްޔިތުން އެދޭ ބަދަލެއްކަން ސާފުކޮށްދޭ ކަމެކެވެ.
Ads by MACL
