ނައިފަރުން ގެއްލުނު ކުއްޖާ މަގުމަތިން ފެނިއްޖެ
މީގެ ކުރިންވެސް ގެއްލިގެން ހޯދަން ޖެހުނު، ޅ. ނައިފަރު، ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، 15، އަނެއްކާވެސް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ. ތިން ދުވަސް ވަންދެން ޚަބަރެއް ނުވެގެން އާއިލާއިން ކަންބޮޑުވެ، ފުލުހުން މިއަދު އޭނާ ހޯދުމުގެ މަސައްކަތް އިއުލާނުކުރިތާ ގިނަ އިރުތަކެއް ނުވެ، މައިސަރާ ފެނިފައިވަނީ ހާލު ރަނގަޅުކޮށް ހުއްޓައެވެ.
ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:25 ހާއިރު ގޭން ނުކުތް ގޮތަށް ގެއްލިފައިވާ މައިސަރާ ފެނިފައިވަނީ މިއަދު ނައިފަރުގެ މަގެއްގެ މަތިން ކަމަށެވެ. އޭނާ ފެނުނުއިރު ސިއްހީ ހާލު ރަނގަޅު ކަމަށާއި، މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިއީ މައިސަރާ ގެއްލިގެން އިއުލާނުކުރި ފުރަތަމަ ފަހަރެއް ނޫންކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އޭނާގެ އުމުރުން 13 އަހަރުގައިވެސް ވަނީ ގެއްލިގެން ރިޕޯޓުކޮށް، ފުލުހުން އޭނާ ހޯދުމަށް އިއުލާނުކޮށްފައެވެ. އެކަމުގެ ސަބަބުން އޭރުވެސް އާއިލާއަށާއި ރަށުގެ ރައްޔިތުންނަށް ވަނީ ކަންބޮޑުވުންތަކެއް ކުރިމަތިވެފައެވެ.
Ads by BMLކުޑަކުދިންނާއި ފުރާވަރުގެ ކުދިން ގެއްލުމުގެ ހާދިސާތަކަކީ މުޅި މުޖުތަމައު ސިއްސުވާލާފަދަ ކަންކަމެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އާއިލާގެ ފެންވަރުގައާއި މުޖުތަމައުގެ ފެންވަރުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އެފަދަ ކުދިންނަށް އިޖުތިމާއީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން މި ހާދިސާއިންވެސް ހަނދާންކޮށްދެއެވެ.
Ads by MACL
