ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައިދީންގެ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެލަވަންސް 20 އަހަރުފަހުން ބޮޑުކޮށްފި

ގައިދީން ތަކެއް ދަނޑު ހެއްދުމުގެ މަސައްކަތުގައި --- ފޮޓޯ: ސަން
ގައިދީން ތަކެއް ދަނޑު ހެއްދުމުގެ މަސައްކަތުގައި --- ފޮޓޯ: ސަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން، ޖަލު ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވަންސް 20 އަހަރުފަހުން ބޮޑުކޮށްފިއެވެ. މި ބަދަލުގެ ދަށުން، އެންމެ ދަށްވެގެން ދުވާލަކަށް 50 ރުފިޔާ އަދި އެންމެ މަތީ އަގެއްގެ ގޮތުގައި ދުވާލަކަށް 150 ރުފިޔާ ލިބޭނެއެވެ. މިއީ ގައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ތައްޔާރުކުރުމުގެ ތެރެއިން، އެމީހުންގެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލެކެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވާ ގޮތުގައި، ގައިދީންނަށް އެލަވަންސް ދެމުން އައީ މީގެ 20 އަހަރު ކުރިން ކަނޑައަޅާފައިވާ އުސޫލަކުންނެވެ. އެއީ މިހާރުގެ ހާލަތާ ނުބައްދަލު، ވަރަށް ކުޑަ އަދަދެއްކަމަށް ޤަބޫލުކުރެވޭތީ، އެލަވަންސްތައް މުރާޖާކޮށް މި ބަދަލު ގެނައީއެވެ.

ޖަލުގައި ދިގު މުއްދަތުގެ ޙުކުމް ތަންފީޒުކުރާ ގައިދީންނަށް އެކި ދާއިރާތަކުން މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާއި، ވެލްޑިންގެ މަސައްކަތާއި، އަތްތެރި މަސައްކަތް، ސިމެންތި ޖެހުން އަދި ލޯންޑްރީ ފަދަ ތަފާތު ގިނަ މަސައްކަތްތައް ހިމެނެއެވެ.

މި ބަދަލު ގެނައުމުގެ ކުރިން ގައިދީންނަށް ދެމުން އައީ ދުވާލެއްގެ މައްޗަށް 30 ރުފިޔާއެވެ. ނަމަވެސް، ޚާއްސަ މަޝްރޫޢުތަކުގައި އިތުރު އެލަވަންސް ދެވޭ އިންތިޒާމު އޭރުވެސް ހަމަޖެހިފައިވެއެވެ. އެލަވަންސަށް އަލަށް ގެނައި މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

މަސައްކަތުގެ އެލަވަންސް ބޮޑުކުރުމުގެ އިތުރުން، ގައިދީންނަކީ ހުނަރުވެރި، މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ކަރެކްޝަނަލް ސަރވިސްއިން ދަނީ ހިންގަމުންނެވެ. އެގޮތުން، ގައިދީންގެ އުފެއްދުންތެރި މަސައްކަތްތައް ދައްކާލުމަށް އެކި ފަހަރުމަތިން އެގްޒިބިޝަންތައް ބާއްވައި، އެމީހުންގެ ހުނަރުތައް މުޖުތަމަޢަށް ދައްކާލުމުގެ ފުރުސަތުވެސް ދެއެވެ.