ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނދުފަތީގެ ވިއުގަ 100 އަށްވުރެ ފުޅާވެފައިވާއިރު، ވަދު ކަނދުފައްޗަށް ބޮޑު ތަރުހީބެއް!

ވަދު ކަނދުފަތި ނަންބަރު: K09V03 -- ފޮޓޯ: މިނިސްޓްރީ
ވަދު ކަނދުފަތި ނަންބަރު: K09V03 -- ފޮޓޯ: މިނިސްޓްރީ

ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަޅާފައިވާ ކަނދުފަތީގެ އަދަދު 100 އަށްވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދަނީ މުނިފޫހިފިލުވުމުގެ މަސްވެރިކަމާއި ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްފައިވާ "ވަދު ކަނދުފަތި" ތަކަށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، ވަދު ކަނދުފަތި އަޅައިދިނުމަށް އެދި މިހާތަނަށް 38 ފަރާތަކުން ވަނީ ރިކުއެސްޓްކޮށްފައެވެ. މި ރިކްއެސްޓްތަކާ ގުޅިގެން މިހާތަނަށް 9 ވަދު ކަނދުފަތި އަޅާފައިވެއެވެ. އެންމެ ފަހުން މިދިޔަ ހަފްތާގައި ވަނީ މ. ކޮޅުފުށި ކައިރީގައި، އެ އަތޮޅު ދިއްތުނޑީގެ އިރުދެކުނުން 7 މޭލު ބޭރުގައި، ވަދު ކަނދުފައްޗެއް އަޅާފައެވެ.

https://twitter.com/MFORmv/status/1952225335967469872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1952225335967469872%7Ctwgr%5E40ac9e667c9b742ded9b55e66d3e3b85273dff62%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMFORmv%2Fstatus%2F1952225335967469872

ވަދު ކަނދުފައްޗާ ޚިލާފަށް، ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ "ދޮށީގެ ކަނދުފަތި" ތަކަށް ރިކުއެސްޓްތަކެއް ނާންނަ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް، ކަނޑައިގެންދާ ނުވަތަ ގެއްލޭ ދޮށީގެ ކަނދުފަތިތައް ބަދަލުކޮށް، އެ ވިއުގަ ދެމެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން، މި ހަފްތާ ތެރޭގައި ވަނީ ކަނޑައިގެންދިޔަ ތ. ވިލުފުށީ ދޮށީ ކަނދުފަތި، އެ ރަށުގެ އިރުން 10 މޭލު ބޭރުގައި އަލުން އަޅާފައެވެ.

މި ސަރުކާރުން މިހާތަނަށް ޖުމްލަ 22 ކަނދުފަތި އަލަކޮށް ޤާއިމުކޮށްފައިވެއެވެ. މުޅި ރާއްޖޭގެ ކަނދުފަތީގެ ވިއުގަ މިހާރު އެކުލެވިގެންވަނީ 65 ދޮށީ ކަނދުފައްޗާއި 37 ވަދު ކަނދުފަތީގެ މައްޗަށެވެ.

ކަނދުފަތިތައް އެޅުމުގެ އިތުރުން، އެތަކެތި ޤާއިމުކޮށް މަރާމާތުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ރާއްޖޭގެ ދެ ސަރަޙައްދެއްގައި ކަނދުފަތި ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އޭގެތެރެއިން ށ. ފުނަދޫގައި ޤާއިމުކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ކުރިން ފެށިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.