ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުހައްޤުން މުއްސަނދިވާ ފަރާތްތަކަށް އަމާޒުކޮށް ޓެކްސް ޤާނޫނަށް ގިނަ އިސްލާޙުތަކެއް!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް

ނުހައްޤު ގޮތްގޮތުން މުއްސަނދިކަން ހޯދާ، ޚާއްޞަކޮށް މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް އަމާޒުކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ. މި އިސްލާޙުތަކުގެ މައިގަނޑު ބޭނުމަކީ، ޓެކްސްގެ ނިޒާމު ބޭނުންކޮށްގެން، އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދުމުގެ މަގުތައް ބަންދުކުރުމެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހަޅުއްވާފައިވާ މި ބިލުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިދިނުމެވެ. މިއީ މިހާރުގެ ޤާނޫނުގައި އެކަން ކުރާނެ އުސޫލުތައް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން، ގެންނަން ނިންމި މުހިންމު ބަދަލެކެވެ.

މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، މި އިސްލާޙުތަކަކީ މިނިވަން މުއައްސަސާތަކުގެ ވެރިންފަދަ ފަރާތްތަކުން ނާޖާއިޒުގޮތުގައި މުއްސަނދިވެ، "އެޕާޓްމެންޓްތައް ގަނެ، އެ ފޯރުވާތަން" ފެންނަމުންދާތީ، އެކަން ހުއްޓުވުމަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ޓެކުހުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫންކަމަށާއި، އަމިއްލަ މަސްލަޙަތު ހިމެނޭ ފަރާތްތަކަށް ފަސޭހަވާ ގޮތަށް ކަންކަން ކުރިކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

މި ބިލަށް މަޖިލީހުގެ ހުރިހާ މެމްބަރުންވެސް ވަނީ ސަޕޯޓްދީފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙު ވަނީ، މީރާގެ މުވައްޒަފުން، ޓެކްސް ދައްކާ ފަރާތްތަކުގެ މަޢުލޫމާތު ސިއްރު ނުކޮށްފިނަމަ ޖޫރިމަނާކުރުމަށް ބިލުގައި ހިމަނާފައިވުމަކީ މުހިންމު ކަމެއްކަމަށާއި، އެ ޖޫރިމަނާގެ އަދަދު ބޮޑުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު، އިދިކޮޅު މެންބަރުން ކަމަށްވާ ހުސައިން ޒިޔާދު އާއި ޢަބްދުލްޣަފޫރު މޫސާވެސް ވަނީ މިއީ ތަންފީޒުކުރަންޖެހޭ މުހިންމު އިސްލާޙުތަކެއްކަން ފާހަގަކުރައްވައި ބިލަށް ތާޢީދުކުރައްވާފައެވެ.