"ތިޔައީ ހުދުމުޚުތާރު ވެރިންގެ ސިފަ" - މޭޔަރު ނިޒާރަށް މުޙައްމަދު އިސްމާޢީލްގެ ހޫނު ރައްދެއް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކައުންސިލްތަކަށް ރައީސް އޮފީހުން ބައްދަލުވުމުގެ ފުރުސަތު ނުލިބޭ ކަމަށް ތުހުމަތުކޮށް އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ކުރެއްވި ޓުވީޓަކަށް، ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ހޫނު ރައްދެއް ދެއްވައިފިއެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މޭޔަރު ނިޒާރުގެ އެ ވިސްނުމަކީ ލާމަރުކަޒީ ވިސްނުމާ ޚިލާފު، މަރުކަޒީ ވިސްނުމެއް ކަމަށާއި، މި ސަރުކާރުގެ ވައްޓަފާޅިއަކީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ރައްޔިތުންނާއި ކައުންސިލްތަކުގެ ގާތަށް ވަޑައިގަތުން ކަމަށެވެ.
މި ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށުނީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް އޮފީހަށް ވަދެވުނު އެންމެ ކައުންސިލަރެއްގެ ނަންވެސް ހާމަކުރުމަށް ގޮވާލައްވައި މޭޔަރު ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ނިޒާރު ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކައުންސިލްތަކާއެކު ރައީސް އޮފީހުގައި ތާވަල්ކުރެވިގެން ބައްދަލުވުންތައް ބޭއްވިކަން ފާހަގަކުރައްވައި، މިހާރުގެ އުސޫލާމެދު ސުވާލު އުފައްދަވާފައެވެ.
Ads by BMLމޭޔަރު ނިޒާރުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ނަމުގައި ނިޒާރު އެ ވަކާލާތު ކުރައްވަނީ "ހުދުމުޚުތާރު ވެރިންގެ ސިފަތައް" ހިމެނޭ މަރުކަޒީ ނިޒާމަކަށް ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ރައީސް ޞާލިޙް "ކައުންސިލްތަކަށް ފިއްލަވައިގެން" އުޅުއްވުމުން، ބައްދަލުކުރުމަށްޓަކައި މާލެ އައިސް ރައީސް އޮފީހުގެ ދޮރުމަތީގައި ކައުންސިލްތަކުން ކިއު ހަދަން ޖެހުނު ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ލާމަރުކަޒީ ވެރިކަމުގެ އުސޫލުތަކާ ގުޅޭގޮތުން ސިޔާސީ މަޝްރަޙުގައި މިފަދަ ބަހުސްތަކެއް ހޫނުވެފައި މިވަނީ، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
Ads by MACL
