ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފިއްލަދޫގައި ޤާއިމްކުރި ވޮލީ ކޯޓަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ތަސައްވަރުގެ ބައެއް: މިނިސްޓަރ ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ކޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ކޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފްތާ 14" ގެ ވަޢުދުފުޅުތަކުގެ ދަށުން، ރަށްރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ސިޔާސަތުގެ ތެރެއިން ހއ. ފިއްލަދޫގައި އަލަށް ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން، ޞިއްޙަތު ސަލާމަތުން ހުރި، ހެލިފެލިވެ އުޅޭ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. މިއީ ހަމައެކަނި ކޯޓެއް ހުޅުވުން ނޫން ކަމަށާއި، މިއީ ރާއްޖޭގެ ކުޅިވަރަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން އެކުލަވާލާފައިވާ ދިގު ރާސްތާގެ ޕްލޭންގެ މުހިންމު ބައެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުރިން ފިއްލަދޫގައި އޮތީ ދެ ދަނޑި ޖަހާފައި އޮތް ތަނެއް. މިއަދު އަޅުގަނޑުމެން މިވަނީ ޒަމާނީ ފެންވަރުގެ ކޯޓެއް ޤާއިމްކޮށްދީފައި. މިއީ އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ފަށައި، މި އަހަރުގެ ތެރޭގައި ނިންމާފައިވާ މަޝްރޫޢެއް،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ފިއްލަދޫގެ ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ އިތުރު މަޝްރޫޢުތަކުގެ އުފާވެރި ޚަބަރުވެސް ދެއްވާފައެވެ. އެގޮތުން، ފިއްލަދޫގައި ހޭންޑްބޯލް ކޯޓެއް ޤާއިމްކުރުމަށް ބަޖެޓްކޮށްފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުން ބިން ކަނޑައަޅައި، ހަމަޖެއްސެވުމާއެކު ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރ ރާފިޢު ވިދާޅުވީ، ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ރަށްރަށުގައި ތިބި ހުނަރުވެރި، މޮޅު ކުޅުންތެރިންނަށް ޤައުމީ ފެންވަރަށް އަރައިގެން ދެވޭނެ "ރޫޓެއް" ނުވަތަ ސާފު މަގެއް ތަނަވަސްކޮށްދިނުން ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ވަސީލަތްތަކާއެކު ރަށްރަށުގައި ތިބި މޮޅު ކުދިންނަށް ޤައުމީ ޓީމާ ހަމައަށް އާދެވޭނެ ފުރުޞަތު ހުޅުވާލުން. މިހާރު ފާސްވެ، ތަޞްދީޤު ކުރެވިފައިވާ ކުޅިވަރުގެ ޤާނޫނުގެ ދަށުން، މިކަންކަން ވަރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްދާނެ،" މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ.

ސަރުކާރުގެ މިސްރާބަކީ ހަމައެކަނި މުބާރާތްތަކަށް އަމާޒުކޮށްގެން ކުޅިވަރު ކުރިއެރުވުން ނޫން ކަމަށާއި، އާންމު ޞިއްޙަތު ރަނގަޅުކޮށް، ގިނައިން ނާރާ ބަލިތަކާއި މުޖުތަމަޢު ދުރުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަން އިސްކުރުން ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ކުޅިވަރު (Competitive Sports) އާއި، މުނިފޫހިފިލުވުމުގެ ގޮތުން ކުޅޭ ކުޅިވަރު (Non-Competitive Sports) އަށްވެސް ސަރުކާރުން އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

މި ފުރުޞަތުގައި މިނިސްޓަރ ވަނީ މިފަދަ މަޝްރޫޢުތައް ތަންފީޒުކުރުމުގައި އެންމެ އިސްކޮށް ހުންނަވައި ހިތްވަރުދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި، މިނިސްޓްރީގެ މުޅި ޓީމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. "އަޅުގަނޑުމެންގެ މިނިސްޓްރީގެ ޓީމަކީ ވަރަށް ހީވާގި ޓީމެއް. ސިޔާސީ ބޭފުޅުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އެބަގެންދަވާ،" މިނިސްޓަރ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ވަނީ، ރަށުގެ ތަރައްޤީއަށް ކައުންސިލާއި، ރައްޔިތުންނާއި، ސަރުކާރު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ފިއްލަދޫއަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.