ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލަށް އެލުކަވާލި އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އުމެއިރު ހަމަޖައްސައިފި

މުޙައްމަދު އުމެއިރު، ފޮޓޯ: ސިޑިބަރި
މުޙައްމަދު އުމެއިރު، ފޮޓޯ: ސިޑިބަރި

އަލަށް އެލުކަވާލި އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އުމެއިރު ހަމަޖައްސައިފިއެވެ.

ދިވެހި ފުޓުބޯޅައަށް އާރޯކަމެއް ގެނެސް، ކުޅިވަރުގެ ބިންގާ ވަރުގަދަކުރުމުގެ މަސްއޫލިއްޔަތު ތަކާއެކު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ހިންގާ ކޮމިޓީން އަމަލީ މަސައްކަތްތަކެއް ފަށައިފައިވާއިރު، މި މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ދާއިރާގެ ތަޖުރިބާކާރުން ހިމަނައިގެން ޚާއްސަ ކޮމިޓީތަކެއް އެކުލަވާލުމެވެ.


މިގޮތުން، ޒުވާން ކުޅުންތެރިން ތަމްރީނުކޮށް އެމެޗަރ ފުޓުބޯޅަ ކުރިއެރުވުމަށް އަމާޒުކޮށްގެން އުފެއްދި "އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީ" ގެ ޗެއާމަންގެ ޒިންމާ ހަވާލުކޮށްފައިވަނީ ދިވެހި ފުޓުބޯޅައިގެ ފަޚުރެއް ކަމަށްވާ، ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރު މުޙައްމަދު އުމެއިރާއެވެ.


އެފްއޭއެމް ހިންގާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި އެކުލަވާލި މި ކޮމިޓީގެ ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ އޮޑި ސްޕޯޓްސް ކުލަބުގެ ފަރީދު މުޙައްމަދެވެ. އަދި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ނިއުރޭޑިއަންޓްގެ ޒަހީނުއްދީނާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުޙައްމަދު އަރީފް ހިމެނެއެވެ.


އެފްއޭއެމްގެ އައު ލީޑަރޝިޕްއިން ބުނާ ގޮތުގައި، މިއީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެގޮތުން، ގްރާސްރޫޓް ފަންނުތަކުން ފެށިގެން ޤައުމީ ޓީމުތަކާ ހަމައަށް ކުޅުންތެރިން އުފެއްދުމުގެ ނިޒާމެއް ޤާއިމުކޮށް، ހުނަރުވެރި ކުދިންނަށް ޤައުމީ ފެންވަރުގައި ވިދާލުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މި ކޮމިޓީތަކުގެ މައިގަނޑު އެއް މަޤްސަދެވެ.