ޑިޕްލޮމާއިން ކިޔަވައިދިނުމުގެ ފުރުސަތު ދޭން މިނިސްޓަރު ގޮވާލައްވައިފި
ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ޓީޗަރުންގެ ދަތިކަމުގެ ކާރިސާ ހައްލުކުރުމަށް، ޑިގްރީއެއް ފުރިހަމަކުރަންދެން އިންތިޒާރު ކުރުމުގެ ބަދަލުގައި، ޑިޕްލޮމާ ފެންވަރުން ވެސް ކިޔަވައިދިނުމުގެ ދާއިރާއަށް ވަނުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ގޮވާލައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ޑިގްރީ ހާސިލުކޮށްގެން ތިބޭ މީހުންނަށް މަޑުކޮށްގެން މި މައްސަލަ ހައްލެއް ނުވާނެ ކަމަށާއި، މިއީ "އާ ވިސްނުމަކުން" ނޫނީ ކުރިއަށް ދެވޭނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ޓީޗަރުން ތަމްރީނުކުރުމަށާއި، އެމީހުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވުމުގެ ނަތީޖާ މިއަދު ދަނީ ފެންނަމުންނެވެ. އެންމެ ބޮޑު ހެއްކަކީ، 2023 ވަނަ އަހަރު ނިމުނުއިރު ވެސް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ 600 އަށް ވުރެ ގިނަ ޓީޗަރުން ނެތި، އެ ދަރިވަރުން ހާލުގައި ޖެހިފައިވާކަމެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ތަމްރީނެއް ނެތް މީހަކު ޚާއްސަ އެހީގެ ކުލާހަކަށް ވެއްދުމަށްވުރެ، އެ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއެއް ފުރިހަމަކޮށްފައިވާ މުދައްރިސަކު މާ ބޭނުންތެރިވާނެ ކަމަށެވެ.
Ads by BML"އުނގެނުމުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމުރީނެއް ލިބިފައިނެތް ފަރާތްތަކެއް ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމުރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސް ވެސް ރަނގަޅު ވާނެއެވެ. އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަންދޭށެވެ،" މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރުގެ ނަޒަރުގައި، ޓީޗަރަކަށް ވުމަށް ފުރަތަމަ ޑިގްރީއެއް އޮތުމަކީ މުހިންމު ކަމެއް ނަމަވެސް، ރާއްޖެއަށް ކުރިމަތިވެފައިވާ ޓީޗަރުންގެ ދަތިކަމުގެ ހާލަތުގައި ތިން ނުވަތަ ހަތަރު އަހަރު މަޑުކުރުމުގެ ފުރުސަތެއް ނެތެވެ.
"މިއީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ އެކި ގޮންޖެހުންތަކާ ހެދި ބައެއް ގައުމުތަކުގައި އަމަލުކުރާގޮތެއް ވެސް ނޫނެވެ. މި ވިސްނުމަށް އަމަލުކޮށްގެން ދުވަހަކު ވެސް ރާއްޖޭގައި މިއޮތް މުދައްރިސުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެއެވެ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޝަފީއު ވަނީ މާޒީއަށް ބައްލަވާލައްވަމުން، އެންމެ އަހަރެއްގެ ޑިޕްލޮމާއަކާއެކު ޓީޗަރުންނަށްވި އެތައް ބަޔަކު މިއަދުވެސް ގައުމުގައި ތިބިކަން ފާހަގަކުރައްވާފައެވެ. އެމީހުންނަކީ ދަށް ބައެއްގެ ގޮތުގައި ނުބެލެވޭނެ ފެންވަރުގެ މޮޅު، ފަންނީ މުދައްރިސުން ކަމަށް ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރުގެ ޓީޗަރުންގެ ޖޮބް މެޓްރިކްސްގައި ވެސް ލެވަލް ފަހެއްގެ ޑިޕްލޮމާއަކާއެކު ސެން ޓީޗަރުންނަށް ދާއިމީ ވަޒީފާ ދިނުމަށް ހަމަޖައްސާފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ ދަތިކަން ހައްލުކުރުމަށްޓަކައި މުޖުތަމައުއިން ޓީޗަރުންނަށް ލޯތްބާއި އިހުތިރާމު ދޭންޖެހޭ ކަމަށާއި، މިއީ "ސިޔާސީ ގޭސް އެނބުރުމަށްވުރެ" މާ ހައްސާސީ، ގައުމީ މައްސަލައެއް ކަމަށެވެ.
Ads by MACL
