ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރުފިޔާގެ އަގު ހިފެހެއްޓުމަށް، އެމްއެމްއޭއިން ބާޒާރަށް ޑޮލަރު އިތުރުކޮށް ރުފިޔާ މަދުކުރަނީ

މަރުކަޒީ ބޭންކުގެ ގަވަނަރު އަހްމަދު މުނައްވަރު ---
މަރުކަޒީ ބޭންކުގެ ގަވަނަރު އަހްމަދު މުނައްވަރު ---

މާލީ ނިޒާމުގައި ދިވެހި ރުފިޔާ ގިނަވެ، އެމެރިކާ ޑޮލަރު މަދުވުމުން ރުފިޔާގެ އަގަށް އަންނަ ފިއްތުންތައް ކުޑަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިޔަވަޅު އަޅަން ފަށައިފިއެވެ. އެއީ އިޤްތިސާދަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމާއި، ދައުރުވާ ދިވެހި ރުފިޔާގެ އަދަދު މަދުކުރުމެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ރުފިޔާގެ އަގު ވެއްޓުނަނުދީ ހިފެހެއްޓުންކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ފިޔަވަޅުތަކުގެ ތެރެއިން، ބޭރު ފައިސާގެ ސަޕްލައި އިތުރުކުރުމަށްޓަކައި، ބޭރު ފައިސާއިން އާމްދަނީ ހޯދާ ފަރާތްތަކުން އެ ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުން ލާޒިމުކުރާ ގާނޫނެއް ވަނީ އެކުލަވާލާފައެވެ. މި ގާނޫނުގެ ދަށުން، ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާ ބޭންކުތަކަށް ޖަމާކޮށް، އޭގެ ވަކި ނިސްބަތެއް ދިވެހި ރުފިޔާއަށް މާރުކުރަންޖެހެއެވެ. މިކަމުގެ ސަބަބުން ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ އަދަދު އިތުރުވެ، ޑޮލަރުގެ ޑިމާންޑާއި ސަޕްލައިގެ ފަރަގު ކުޑަވާނެއެވެ.

މިގޮތަށް ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ އެމްއެމްއޭއަށް ވިއްކަންޖެހެއެވެ. އެމްއެމްއޭއިން ވަނީ އެ ޑޮލަރުގެ 30 އިންސައްތަ އަނބުރާ ކޮންމެ ހަފުތާއަކު ބޭންކުތަކަށް ވިއްކުމަށް ހަމަޖައްސާފައެވެ. މި އުސޫލުގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ އިތުރަށް ހަމަޖައްސައިދިނުމުގެ ގޮތުން މިދިޔަ ޖޫން އަދި ޖުލައި މަހު ޖުމްލަ 23.3 މިލިއަން ޑޮލަރު ބޭންކުތަކަށް ވިއްކާފައިވާކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ބާޒާރަށް ޑޮލަރު ނެރުން އިތުރުކުރުމަށް އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ ރިޒާވް (އެމްއާރްއާރް) ގެ ނިސްބަތް ދަށްކުރުން ހިމެނެއެވެ. މި އަހަރުގެ ޖުލައި މަހު މި ނިސްބަތް 5 އިންސައްތައަށް ދަށްކުރުމުން، ލޯނު ދޫކުރުމަށް ބޭންކުތަކަށް ވަގުތުން 45 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެމްއެމްއޭއިން ސީދާ ބާޒާރަށް ތަދައްޚުލުވެ ވިއްކާ ޑޮލަރުގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 23 އިންސައްތަ އިތުރުކޮށްފައެވެ.

ޑޮލަރުގެ ސަޕްލައި އިތުރުކުރުމުގެ އިތުރުން، އިޤްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ މަދުކުރުމަށް އެމްއެމްއޭއިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން، ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއިން ވަނީ އަނބުރާ ގަނެފައެވެ. މިއީ ބާޒާރުގައި ރުފިޔާގެ އަދަދު މަދުކޮށް، ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަކުރުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

ޑޮލަރަށް އޮންނަ ބަރޯސާ ކުޑަކުރުމުގެ ގޮތުން، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކާ އެކު ކުރާ ވިޔަފާރީގައި އެ ޤައުމުތަކުގެ ފައިސާ ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޑިއާއާއެކު ކަރަންސީ ސެޓްލްމެންޓް އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތަކުގައެވެ.