އުފުލިގެން ދިޔަ ފިޔާގެ އަގު، އެސްޓީއޯއިން 15 ރުފިޔާއަށް ތިރިކޮށްލައިފި
ފާއިތުވި ދުވަސްތަކުގައި ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ކިލޯއެއްގެ އަގު 40 ރުފިޔާއަށްވުރެ މައްޗަށް ދިއުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ފިޔާގެ ޝިޕްމަންޓެއް ގެނެސް، ކިލޯއެއް 15 ރުފިޔާގެ ރޭޓުން ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ، އެ ކުންފުނީގެ މައި ފިހާރަ 'ޕީޕަލްސް ޗޮއިސް' އާއި ހޯލްސޭލް ސެންޓަރުން މިހާރު މި އަގުގައި ފިޔާ ލިބެން ހުންނާނެ ކަމަށެވެ. މިއީ ބާޒާރުގެ އަގުތައް ހަމައަކަށް އެޅުވުމުގެ (މާކެޓް ސްޓޭބަލައިޒް ކުރުމުގެ) މަޤްޞަދުގައި ގެނައި ޝިޕްމަންޓެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އާންމުކޮށް ރާއްޖެއަށް ފިޔާ އެތެރެކުރަނީ އަމިއްލަ ވިޔަފާރިވެރިން ކަމަށްވީ ނަމަވެސް، ކާބޯތަކެތީގެ އަސާސީ ބާވަތްތައް ލިބުމުގައި ދަތިވާ ހާލަތްތަކުގައި އެސްޓީއޯއިން ބާޒާރަށް އިންޓަރވެންޝަންކޮށް، އާންމުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެއެވެ.
Ads by BMLމޫސުމަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ފިޔާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވުމުން، އެސްޓީއޯއިން އަގުހެޔޮކުރުމުގެ ކުރިން ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. އެގޮތުން، މިދިޔަ ހަފްތާ ތެރޭ މާލޭ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު 450-500 ރުފިޔާއަށް އަރާފައިވާއިރު، ކިލޯއެއްގެ އަގު ވަނީ 20-30 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފައެވެ.
Ads by MACL
