ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް، މި އަހަރު ތިން ވިޔަފާރިއަކަށް ފުރުސަތު!

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް، މި އަހަރު ތިން ވިޔަފާރިއަކަށް ފުރުސަތު!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ދެމުން އަންނަ 'ސްޓާޓަޕް ގްރާންޓް' ފުޅާކޮށް، މި އަހަރު ތިން ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.

ކުރީގެ އަހަރުތަކުގައި ދެ ވިޔަފާރިއަކަށް މި ފުރުސަތު ދީފައިވާއިރު، ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިތުރު ވިޔަފާރިއަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ގްރާންޓް ކާމިޔާބުކުރާ ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ފައިސާގެ އެހީ ލިބިގެންދާނެއެވެ. މީގެ އިތުރުން، ވިޔަފާރި ހިންގުމުގެ އެކި މަރުހަލާތަކުގައި ބޭނުންވާނެ ފަންނީ ލަފަޔާއި މާލީ އިރުޝާދުވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.

މި ފުރުސަތަށް އަމިއްލަ ފަރުދުންނާއި، އަލަށް ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

މި ގްރާންޓުގެ މަގްސަދު ހާމަކުރައްވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ ބޭންކާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. "މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ،" ޝަރީފް ވިދާޅުވިއެވެ.

ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން [email protected] އަށް އީމެއިލް ކުރުމަށް ބޭންކުން އެދެއެވެ. ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރު، ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.