ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 ވަނަ ޖާނަލިޒަމް އެވޯޑް. ފޮޓޯ މޯލްޑިވްސް މީޑިއާ ކައުންސިލް
11 ވަނަ ޖާނަލިޒަމް އެވޯޑް. ފޮޓޯ މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްއެމްސީން ކުރި އިއުލާނެއްގައި ވިދާޅުވީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ އަދި ވީޑިއޯ ޖަރނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ އެވޯޑު ދޭން ނިންމާފައިވާ ދާއިރާތައް

* ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ * އިޖުތިމާއީ ދާއިރާ * ސިޔާސީ ދާއިރާ * ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ * ވިޔަފާރި އާއި އިގުތިސާދީ ދާއިރާ * ކުޅިވަރުގެ ދާއިރާ * ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ * ޑޮކިއުމަންޓްރީގެ ދާއިރާ * ފީޗާ ރިޕޯޓުގެ ދާއިރާ * ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ * ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ * އުންމީދީ ނޫސްވެރިޔާގެ އިނާމު * އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު * ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށެވެ.

ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މީޑިއާ ކައުންސިލުން އިނާމުދެއެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.