ދޮގު ވާހަކަތަކުން ބައިބައިވާ ވަރަށްވުރެ އަހަރެމެންގެ އެއްބައިވަންތަކަން މާ ވަރުގަދަ: އަބްދުއްރަހީމް
ފަތުރާ ދޮގު ވާހަކަތަކުން ބައިބައިވާ ވަރަށްވުރެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ އެއްބައިވަންތަކަން މާ ވަރުގަދަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެންސީގެ ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ނުކުންނަން އުޅޭކަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އައްބާސް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ޕީއެންސީ ޕީޖީ ބައްދަލުވުމެއްގައި ގިނަ މެންބަރުން ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށާއި، ގޮނޑި ގެއްލުނަސް ހެޔޮކަމަށް ބުނެ އެ ޕާޓީގެ 14 ވަރަކަށް މެންބަރުން ސަރުކާރާ ދެކޮޅަށް ނުކުންނަން ތައްޔާރަށް ތިބި ކަމަށެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ބައްދަލުވުމުގައި އޭނާވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އައްބާސް ދައްކަވަނީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
Ads by BMLމިކަމާ ގުޅިގެން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، ޕީޖީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި "މޮޔައިން ލައްވާ މިފަދަ މެސެޖު ކުރުވިއަސް" އެކަން ކާމިޔާބު ނުވާނެ ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުވެސް ވަނީ މި ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، ޙަގީގަތާ ޚިލާފު ވާހަކަ ފަތުރައިގެން ޕީޖީ ބަލިކަށިކޮށްލެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށް ސިފަކުރައްވާފައެވެ.
Ads by MACL
