ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން ގައުމު ލޫޓުވާލާފައި، އިލްޒާމް އަޅުވަނީ މި ސަރުކާރުގެ ބޮލުގައި: ނަރީޝް

މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރ އަޙްމަދު ނަރީޝް ---
މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރ އަޙްމަދު ނަރީޝް ---

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ޤައުމު ލޫޓުވާލައި، ދައުލަތުގެ ޚަޒާނާ ހުސްކޮށްލުމުގެ ސަބަބުން ކަމަށާއި، އެކަމުގެ އިލްޒާމް މިހާރުގެ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ "ލައްކަ ހުތުރުކަން ބޮޑު" ކަމެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިޤްތިޞާދީ ހާލަތާ ގުޅުވައި ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ބަޖެޓުގައި ނުހިމެނޭ، އަދި ޓެންޑަރ ކުރުމެއްނެތި އެތައް ޕްރޮޖެކްޓެއް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އަދި އެ ޕްރޮޖެކްޓްތަކަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށްވެސް ނަރީޝް ތުހުމަތު ކުރެއްވިއެވެ.

"2023 ވަނަ އަހަރު އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިޚާބާއި ދިމާކޮށް ބަޖެޓްގައި ނެތި އަދި ޓެންޑަރ ކުރުމެއްނެތި ސޮއިކުރި ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތައް ހަވާލުކުރު ކުންފުނިތަކަށް އެޑްވާންސް ޕޭމަންޓް ދޫކޮށްފައި ހުރި ގޮތުގެ ތަފްސީލް ބަލާލީމައި ގައުމަށް ވެގެން މިއުޅޭގޮތް ސާފުވާނެ!" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ، އެމްޑީޕީން ޤައުމު ލޫޓުވާލައި، "ދަވާ ހުސްކޮށްލުމުން" ރައްޔިތުން ނިކުމެ އެ ބޭފުޅުން ވެރިކަމުން ބޭލީ ކަމަށާއި، މިހާރު "ކެވުނުވަރު މަދުވެގެން" އަލުން ވެރިކަމަށް އައުމަށްޓަކައި ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދައްކަމުންދާ ކަމަށެވެ.

"ތަސްބީހަފައްޗެއްހެން ވައްކަމޭ ކޮރަޕްޝަނޭ ގޮވިޔަކަސް ވައްކަން އެމްޑީޕީ ނުކުރާކަމަކަށް ނުވާނެ!" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕޯސްޓާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ކުރިމަތިލާން ޖެހިފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަސްލަކީ ކުރީގެ ސަރުކާރުގެ ސިޔާސަތުތަކާއި ޒިންމާދާރުކަން ކުޑަ ޢަމަލުތައްކަން ހާމަވެގެންދެއެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެމްޑީޕީން ޤައުމަށް ދީފައިވާ ގެއްލުންތަކުން އަރައިގަނެ، ރައްޔިތުންނަށް ފާގަތި މުސްތަޤުބާލެއް ހޯދައިދިނުމަށް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.