ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުން ރާއްޖެއިން ބަލައިނުގަންނާނެ: ރައީސް މުޢިއްޒު
ޣައްޒާ އެއްކޮށް ހިފައި، އެ ސަރަޙައްދުގެ ކޮންޓްރޯލް އިސްރާއީލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އެ ޤައުމުގެ ކެބިނެޓުން ފާސްކޮށްފައިވާ ނިންމުން ދިވެހިރާއްޖެއިން ބަލައިނުގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ މިކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނާތަހުޒީބީ ޢަމަލެއް ކަމަށް ސިފަކުރައްވައި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، އިސްރާއީލުގެ މި ލާއިންސާނީ، އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، އެ ޤައުމު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.
Ads by BMLރައީސް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ މި ފިޔަވަޅަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ސީދާ ޚިލާފު ޢަމަލެކެވެ. އަދި މިކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތައް ނިގުޅައިގަނެވި، އެމީހުންގެ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ނިންމުމުގެ ސަބަބުން މުޅި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން އިތުރަށް ނުރައްކަލުގެ ތެރެއަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ރައީސް ދެއްވިއެވެ.
ފަލަސްޠީނުގެ މައުސޫމް ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
Ads by MACL
