ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސްގެ ދަތުރުފުޅެއް އަންނަ ހަފްތާގައި

ރައިސް މިދިޔަ މަހު ނ. މާފަރަށް ވަޑައިގަތުމުން ނިކުތް ރައްޔިތުންނާ ސަލާމް ކުރައްވަނީ،.-- ފޮޓޯ: ރައީސް އޮފީސް
ރައިސް މިދިޔަ މަހު ނ. މާފަރަށް ވަޑައިގަތުމުން ނިކުތް ރައްޔިތުންނާ ސަލާމް ކުރައްވަނީ،.-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެ އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވުމަށް ހަމަޖެހިއްޖެއެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ މައިގަނޑު އެއް މަގްސަދަކީ، ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ތަރައްގީއަށް ކުރަންހުރި ކަންކަމާއި، ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ސަރުކާރުން ހިންގަވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ރައީސް އިފްތިތާޙް ކޮށްދެއްވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ދަތުރުފުޅުގައި ބ. އަތޮޅުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޙާލުއަހުވާލުވެސް ބައްލަވާނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ބ. އަތޮޅަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތްކުރެއްވީ އަތޮޅުވެރިކަން ކުރާ އޭދަފުށީގެ އިތުރުން، ތުޅާދޫ، ދަރަވަންދޫ، ހިތާދޫ އަދި ކެންދޫއަށެވެ.