ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޢައްބާސް ހެއްދެވީ ބުހުތާން ދޮގެއް، ޕީޖީ ގްރޫޕް އޮތީ ގަދަކޮށް: ޕީއެންސީ މެމްބަރުން

ޢައްބާސް ހެއްދެވީ ބުހުތާން ދޮގެއް، ޕީޖީ ގްރޫޕް އޮތީ ގަދަކޮށް: ޕީއެންސީ މެމްބަރުން

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގެ ބައްދަލުވުމެއްގައި ބައެއް މެމްބަރުން ސަރުކާރާ ދެކޮޅަށް ނިކުންނަން ނިންމެވި ކަމަށް ވިދާޅުވެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢައްބާސް ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ބުހުތާނު ދޮގުތަކެއް ކަމަށާއި، ޕީޖީ ގްރޫޕް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރުގަދަ އެއްބައިވަންތަކަމަކާއެކު ކަމަށް އެ ޕާޓީގެ މެމްބަރުން ވިދާޅުވެ، ޢައްބާސްގެ ވާހަކަތައް ދޮގުކުރައްވައިފިއެވެ.

ޢައްބާސްގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ މެމްބަރުން ވަނީ އެއީ ޕީޖީ ގްރޫޕްގެ އެއްބައިވަންތަކަން ރޫޅާލުމަށް ސިޔާސީ ބޭނުމެއްގައި ފަތުރާ ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ސިނާން ވިދާޅުވީ، ޢައްބާސް ވިދާޅުވި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އެއީ ކަނޑައެޅިގެން ހަދާފައިވާ ދޮގެއް ކަމަށާއި، ބަދަހި ސަފުތައް ރޫޅާލުމަށް ޖައްސާ "ސްޓަންޓް" ތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ހަމައެއާއެކު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު ވެސް ވަނީ، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މީސްމީޑިއާ ޕޯސްޓަކުން ބައިބައިވާ ވަރަށްވުރެ ޕީޖީ ގްރޫޕްގެ ގުޅުން މާ ބަދަހި ކަމަށް ވިދާޅުވެ ޢައްބާސްގެ ވާހަކަ ދޮގުކުރައްވާފައެވެ.

މިކަމާ ގުޅިގެން ށ. ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވީ، ޕީޖީ ގްރޫޕް އެކަތިގަނޑެއްގެ ގޮތުގައި އޮތީ ރައީސް މުޢިއްޒުގެ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން އިމްރާން ލަތީފް ވަނީ، މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ޒިންމާދާރުކަން ކުޑަ ދޮގު ޚަބަރު ފެތުރުމަކީ ލަދުވެތި ޢަމަލެއް ކަމަށް ވިދާޅުވެ، މަޖިލިސް މެމްބަރުކަން "ކޮމެޑީ" އަކަށް ނުހެއްދެވުމަށް ޢައްބާސްއަށް ގޮވާލައްވާފައެވެ.

ޢައްބާސް މިފަދަ ވާހަކަތައް ދައްކަވަން ފެއްޓެވީ، އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވި ހިސާބުންކަން ފާހަގަކުރެވެއެވެ. ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް، ނައިބު ލީޑަރު އިބްރާހިމް ޝުޖާޢު އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ޢައްބާސްގެ ވާހަކަތައް ދޮގުކުރައްވައި، އެފަދަ ވާހަކަތަކުން ޕީޖީ ގްރޫޕްގެ އެއްބައިވަންތަކަމަށް އެއްވެސް އަސަރެއް ނުކުރާނެކަން ހާމަކުރައްވާފައެވެ.